މަރާލާފައިވާ މީހުންނާއި ގެއްލުވވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް (ކ) އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު (ވ)

ހޯމް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރުއާ، ގެއްލުވާލާފައިވާ މީހުންނާ މަރާލާފައިވާ މީހުންގެ މައްސަލަ ބަލަން އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް، ތާލިބާނުންނާ އެކު ތަމްރީނު ހަދާފައިވޭތޯ ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުވާލު އުފައްދައިފި އެވެ.

މި މޭރުމުން ސުވާލު އުފެއްދެވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ.

މަޖިލީހަށް ހުށައެޅިފައިވާ ހާސް ކަމެއް ނެތި ޒުވާނުން މަޖާކޮށްލާ، މިއުޒިކް ކުޅޭނެ މަރުކަޒެއް ގާއިމްކުރުމުގެ ބަހުސް ގައި ވާހަކަ ދައްކަވަމުން އިއްޔެ މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ކޮންފަރެންސް އަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ، މިސްބާހު ތާލިބާނުންގެ ޓްރެއިނިން ތަކުގައި ބައިވެރިވެފައިވޭތޯ އާއި އޭނާގެ ބެކް ގްރައުންޑް ޗެކް ކުރަން ޖެހޭ ކަމަށެވެ. އެއަށް ފަހު ޝިޔާމް ވިދާޅުވީ، އެންޓި ޓެރަރިޒަމް ކޮމިޓީގައި ހުންނަވާ ނަޒީރުވެސް ޓްރެއިނިންތައް ހަދާފައިވޭތޯ ބަލައި އޭނާގެވެސް ބެކް ގްރައުންޑް ބެލުން މުހިއްމު ކަމަށެވެ.

ޝިޔާމް ވަނީ ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް މަރުގެ ހަގީގަތަށް ހޯދައި ނުދެވޭތީވެ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

ޝިޔާމްގެ ދެއްކެވި ވާހަކަތަކަށް ފަހު މަޖިލީހުގެ ރައީސް ނަޝީދު ވަނީ، ނަޒީރުއާ މިސްބާހުއާ ދެ ބޭފުޅުން އެއްވެސް އިރެއްގައި ތާލިބާނުންގެ ތަމްރީނުތަކުގެ ބައިވެެރިވެފައިވޭތޯ ނުވަތަ އެފަދަ ވިސްނުމެއް ގެންގުޅޭފައިވޭތޯ ބަލަން ސަރުކާރުގެ އިދާރާތަކަށް ހުށައަޅައިގެން ބެލުމަށް އަމީން އާންމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ ސަރުކާރަށް ލިޔެގެންކަމަށްވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.