އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫޢެއްް ހިންގުމަށް އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) އިން 14 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 216 މިލިއަން ދިވެހި ރުފިޔާ) ލޯނު އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ދިނުމަށް ނިންމައި، އެކަން ރަސްމީކޮށް އޭ.ޑީ.އެފް.ޑީ އިން އިޢުލާން ކޮށްފިއެވެ.
މިކަން އިޢުލާން ކުރެވުނީ މިހާރު އަބޫދާބީގައި ކުރިއަށްދާ އައިރީނާގެ ދިހަވަނަ އެސެމްބްލީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ހަސަނާއި، ޔޫ.އޭ.އީ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ.ހުސެއިން ނިޔާޒް އަދި މިނިސްޓްރީ އޮފް އެންވަޔަރަމްންޓާއި ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަން މުޙައްމަދު ރަޝީދު އަދި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމްކުރާ ކުނި މެނޭޖުކުރާ ސަރަޙައްދީ މަރުކަޒަކީ، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓިއާއި ހުވަދު އަތޮޅު އުތުރުބުރިއާއި ދެކުުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގައި އުފެދޭ ކުނީގެ ތެރެއިން ތަބީޢިގޮތުން ނެތިފަނާވަނިވި ކުނި ފިޔަވައި ކުނީގެ އެހެން ބާވަތްތައް މެނޭޖުކުރުމަށާއި އެކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މަޝްރޫއެކެެވެ.
މި މަޝްރޫޢުގެ ޕްރޮޕޯސަލް ދިވެހިރާއްޖެއިން އައިރީނާއަށް ހުށައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ޢިއާދަކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް އައިރީނާ އާއި އޭ.ޑީ.އެފް.ޑީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 350 މިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރެއިން 2020 ވަނަ އަހަރު ވަނީ ޖުމުލަ 105.4 މިލިއަން އެމެރިކާ ޑޮލަރު 8 ޤައުމަކަށް ދެއްވާފައެވެ. އައިރީނާ-އޭ.ޑީ.އެފް.ޑީ ޕްރޮޖެކްޓް ފެސިލިޓީގެ 7 ވަނަ ބުރުގައި 95 ޤައުމަކުން ވާދަކޮށްފައިވެއެވެ. މީގެ ތެރެއިން މި އަހަރު ފައިސާ ހަމަޖެހިފައިވަނީ 8 ޤައުމަކަށެވެ.