މި ކެކުރީގެ (މެލަން) އަގަކީ 200 ޑޮލަރެވެ. ނަމަވެސް މީގެ ކުރީގައި މިއަށްވުރެ މާއަގުބޮޑުކޮށް މެލަން ވިކިފައިވެއެވެ.

2019 ވަނަ އަހަރުގެ މޭމަހުގައި ހާކައިޑޯއިން ނީލަން ކިޔުނު ދެ މެލަން ވިކިފައިވަނީ 5 މިލިއަން ޖަޕާން ޔެންއަށެވެ. އެއީ ޑޮލަރުގެ ގޮތުން ބަލާނަމަ 45,000 ވުރެ މައްޗެވެ.

ވީއިރު މި މެލަންތަކުގެ އަގު އެހާ ބޮޑީ ކީއްވެބާ؟

ޖަޕާންގެ ޔުބާރީ ކިންގްއިން އެންޑީސްއަށް ހައްދާ ހީގޯ ގްރީން މެލަންއާއި އޭގެ އިތުރުން ތަފާތު ވައްތަރުގެ މެލަންގެ ދަނޑުވެރިކަމަކީ ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ މަސައްކަތެކެވެ. މި މޭވާއަކީ ޖަޕާނުގެ ސަގާފަތުން ބަލާއިރު ލުއިކާނާއަކަށް ވުރެ ބޮޑަށް ހަދީޔާ ބަދަލުކުރުމުގެ އާދަކާދައިގައި ބޮޑު ހިއްސާއެއް އަދާކުރާ މޭވާއެކެވެ.

ޖަޕާނުގައި މެލަންއަކީ އޭގެ ރަހައިގެ އިތުރުން ބޭރުފުށުގެ ރީތިކަމަށްވެސް ތައުރީފު ލިބިފައިވާ މޭވާއެކެވެ. ހަމައެކަނި ސެންޓްރަލް ޖަޕާންގެ ޝީޒޯކާ ޕްރިފެކްޗާގައި ހައްދާ މި މެލަންގެ އަގަކީ 200 އެމެރިކާ ޑޮލަރެވެ. އެހެން ބާޒާރުތަކުން 5 އެމެރިކާ ޑޮލަރަށް އާދައިގެ މެލަންއެއް ލިބުނު ކަމުގައިވިޔަސް ކްރައުން މެލަންއަކީ ފަރުވާތެރިކަމާއެކު ބުރަ މަސައްކަތުން ހެއްދޭ މެލަން އަކަށް ވުމުން އެހެން މެލަންތަކަށްވުރެ އޭގެ އަގުބޮޑެވެ. ފުމިޔޯޝީ ޗޫޖޯގެ އާއިލާއިން ފުކުރޯއީގައިވާ ދަނޑުގައި މެލަންގެ ދަނޑުވެރިކަން ކުރާތާ 60 އަހަރުވެއްޖެއެވެ.

50 ދުވަހަށް ފަހު ގަހުން މާ ފޮޅުމަށްފަހު ކުދި މޭވާ ފެންނަށް ފަށައެވެ. މިހިސާބުން މެލަން ހެއްދުމުގައި ކުރަންޖެހޭ އަސްލު ބުރަ މަސައްކަތް ފެށުނީއެވެ. މެލަން ހެއްދުމަކީ ދަނޑުވެރިން ވަރަށް ސަމާލުކަންދީގެން ފަރުވާތެރިކަމާއެކު ކުރާ މަސައްކަތެކެވެ.

ކޮންމެ މެލަންއެއް ދޮންވެ ފައްކާވުމަށް 100 ދުވަސް ނާގާއިރު މުޅިއަހަރު ދުވަހުގެ ކޮންމެ މޫސުމެއްގައިވެސް މެލަން ހެއްދެއެވެ. އުފުލިފައިވާ ބެޑްގެ ބޭނުންކޮށްގެން ދަނޑުވެރިންނަށް ގަސްތަކަށް ލިބެންޖެހޭ ފެނުގެ މިންވަރު ކޮންޓްރޯލް ކޮށް އަދި އެއާ ކޮންޑިޝަނިން އާއި ހީޓިންގެ ބޭނުންކޮށްގެން މުޅި އަހަރު އެއްކޮށް ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓެއެވެ.

ކްރައުން މެލަން ބަހާލެވިފައިވަނީ 4 ވައްތަރަކަށެވެ. އެއީ ފޫޖީ, ޔާމާ, ޝީރޯ އަދި ޔޫކީއެވެ. މެލަންއެއްގައި ކުޑަ ނަމަވެސް އުނިކަމެއް ހުރެއްޖެނަމަ އެއީ ޔޫކީއެއް ގޮތުގައި ބެލެވެއެވެ. ދެން ހުންނަ ތިން ވައްތަރު ވަކިކުރެވެނީ މެލަންގައި ހަކުރުގެ ހުންނަ މިންވަރާއި ބޭރުފުށުގެ ފުރިހަމަކަމަށް ބަލާފައެވެ. %55 މެލަން ހިމެނެނީ ޝީރޯ, %25 ހިމެނެނީ ޔާމާ, އަދި %0.1 ނުވަތަ 1000 އިން ހެއްދޭ 1 މެލަން ހިމެނެނީ ފޫޖީގެ ވައްތަރުގެ ތެރޭގައެވެ.

ކޮންމެ ގަހެއްގައިވާ މެލަންތަށް ބޮޑުވާންފެށުމުން ރައްކާތެރިކުރުމަށްޓަކައި ހުދު ކަރުދާހުން ނިވާކުރެއެވެ. މެލަން ބޭރުގައި ހެދޭ ޕެޓާން ފުރިހަމައަށް ހެދުމުން ކޮންމެ މެލަންއެއް އަތުން މަޑުމަޑުން ފިރުމާލައި ސާފުކޮށްލައެވެ. އެއަށްފަހު ހެދިބޮޑުވުމުގެ ފަހު މަރުހަލާގައި އިރުގެ ގެއްލުމުން ރައްކާތެރިކުރުމަށްޓަކައި އަނެއްކަވެސް ނިވާކުރެއެވެ.

މި ބުރަ މަސައްކަތުގެ ނަތީޖާއަކީ ފުރިހަމަ ފޮނި އަދި ރަހަމީރު މެލަންއެކެވެ. ކިތަންމެ އަގުބޮޑު ވިކަމުގައިވިޔަސް ޖަޕާންގައި މެލަންގެ ބޮޑު ބާޒާރެއް އޮވެއެވެ. ގަންނަމީހުން ތިބީ މިފަދަ ބުރަ މަސައްކަތުން ހައްދާ މެލަން ފުރިހަމަ ހަދިޔާއެއްގެ ގޮތުގައި އަގު ދިނުމަށް ތައްޔާރަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *