ސިއްހަތަކީ އެއާ ބެހޭ ތަފާތު މައުލޫމާތު ސޯޝަލް މީޑީއާއާއި ނޫސް މަޖައްލާތަކުގައި ނުވަތަ މަޤުބޫލް ވެބްސައިޓްތަކުގައި ހިމެނޭ މަޢުޟޫޢުއަކަށްވާއިރު މިކަމާއި ގުޅިގެން ފެތުރޭ މައުލޫމާތުގެ ބޮޑުބަޔަކީ އާންމުކޮށް ދޮގު ހަބަރެވެ. ބައެއްފަހަރު ޑޮކްޓަރުންނާއި ޑައިޓިޝަނުން ފަދަ ސިއްހީ ތަޖުރިބާކާރުންގެ އިހުމާލުން މިފަދަ ދޮގު ހަބަރު ފެތުރެން މެދުވެރިވާއިރު ގިނަ މީހުންނަކީ ސޯޝަލް މީޑިއާއިން ލިބޭ މައުލޫމާތުގެ މައްޗަށް ސިއްހީ ކަންކަން ކުރާ ބައެކެވެ.
މިގޮތުން ދިވެހިންގެ ތެރޭގައި ސިއްހަތާ ބެހޭގޮތުން އެންމެ ޤަބޫލުކުރެވޭ 5 ކުށްހީއަކަށް އަލިއަޅުވާލާނަމެވެ.
-
"ބަރުދަން ލުއިކުރުމުގައި ހުރިހާވެސް އެއްޗަކީ ކެލޮރީސް"
ހަށިގަނޑުގައިވާ ކެލޮރީސް އެންދުމަކީ ބަރުދަން ލުއިކުރުމުގައި އެންމެ މުހިންމު އެއް ކަމަށް ވާއިރު ކެލޮރީސްއަށް އެކަނި އަމާޒު ކުރުމުން ނިމުނީއެއް ނޫނެވެ. ހަމައެކަނި ކެލޮރީސް މަދުކުރުމަށް ބަރޯސާވެ ކެލޮރީ ދަށް ޑައިޓަކަށް އަމަލު ކުރި ކަމުގައިވިޔަސް މީހަކަށް ބަރުދަން ލުއިކުރުމަށް ދަތިތަކާއި ކުރިމަތިވެދާނެއެވެ.
މިސާލަކަށް ބައެއް މީހުންނަށް ހައިޕޮތައިރޮޑިޒަމް ފަދަ ސިއްހީ ބަލިތައް, ވަކި ވައްތަރެއްގެ ބޭސްކެއުން, ވިރާސީ ގޮތުން އަދި ހޯރމޯނަލް އިމްބެލެންސްގެ ސަބަބުން އެންމެ ހަރުކަށި ޑައިޓަށް އަމަލުކުރިކަމުގައިވިޔަސް ބަރުދަން ލުއިކުރުމަށް ހުރަސްތަކާއި ކުރިމަތި ލާން ޖެހިދާނެއެވެ.
-
"ހެނދުނުގެ ނާޝްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުން"
އެއް ޒަމާނެއްގައި ހެނދުނުގެ ނާޝްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުންކަމުގައި ޤަބޫލުކުރެވުނުކަމުގައިވިޔަސް ދިރާސާތަކުން ދައްކާގޮތުގައި ބޮޑެތި މީހުންނަށް ބަލާއިރު އެއީ މުޅި ހަޤީޤަތް ކަމުގައިނުވެދާނެއެވެ.
މިސާލަކަށް ރޯދަ ހިފާއިރު ހެދުނުގެ ނާޝްތާ ނުކެވޭއިރު ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމުގައި ކުރިއެރުން ލިބިފައިވާ ކަމަށް ހޯދުންތަކުން ދައްކައެވެ. ނަމަވެސް ފުރާވަރުގެ ކުދިން, ކުޑަކުދިން, ބަނޑުބޮޑު މީހުން އަދި ސިއްހީ ބަލިތަށް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް އެކަށީގެނަވަނީ ކެއުމަށް ފަރުވާތެރިވުމެވެ.
-
"ބަރުދަން ލުއިކުރުމަކީ ފަސޭހަ ކަމެކެވެ"
ސަޕްލްމެންޓް ކުންފުނިތަކުން އެމީހުންގެ އުފެއްދުން އިސްތިހާރުކުރުމަށްޓަކައި ބޭނުންކުރާ އެއް އުކުޅަކީ އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާގައި ފެންނަ މަދު ވަގުތުކޮޅެއްގައި ބަރުދަން ލުއިވިކަމަށް ދައްކާ "ވެއިޓްލޮސް: ބިފޯ އެންޑް އާފްޓާ" ފޮޓޯތަކެވެ. މިފަދަ ފޮޓޯތަކަކީ އޭގައި އެއްވެސް ހަޤީގަތެއް ނުވާ އާންމުންގެ ސަމާލުކަން ހޯދުމުގެ މަގްސަދުގައި އިންޓަނެޓަށް ލެވޭ ފޮޓޯތަކެވެ.
ބަރުދަން ލުއިކުރުމަކީ ކުޑަ ވަގުތުކޮޅަކުން ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. ކެތްތެރިކަމާއި ބުރަ މަސައްކަތުން އަދި އެކަމެއްގައި ދެމިހުރެގެން ނޫނީ ކުރުން އުނދަގޫ ކަމެކެވެ. ކޮންމެ މީހެއްގެ ބަރުދަން ލުއިކުރުމުގެ ތަޖުރިބާ ތަފާތުވާނެކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ.
-
"ހިކިވުން އެއީ ސިއްހީ ގޮތުން ދުޅަހެޔޮ ވުން"
ފަލަބަލި(އޮބީސިޓީ) އަކީ ޓައިޕް 2 ޑައިބެޓިސް, ހިތުގެ ބަލިތައް, ނަފްސާނީ ބަލި އަދި ކެންސަރު ފަދަ ސިއްހީ ބަލިތަކާ ގުޅިލާމެހިފައިވާ ކަމެކެވެ. ގިނަމީހުންނަށް ހީވެފައިވާ ކުށްހީއެއް ކަމުގައިވިޔަސް ފަލަބަލިން ރައްކާތެރިވުމަށްޓަކައި ހިކިވުމަކީ މަޖުބޫރުކަމެއް ނޫނެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ތަންކޮޅަކީ ހަށިގަނޑަށް ފައިދާ ލިބިދޭ މާއްދާތައް އެކުލެވޭ ކާނާ ކެއުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ.
-
"ހުރިހާ ވައްތަރެއްގެ ޖޫހަކުންވެސް ސިއްހީ ގޮތުން ފައިދާ ކުރޭ"
ބައެއް ޖޫސްތަކާއި ސްމޫތީތަކަކީ ސިއްހީގޮތުން ފައިދާ ލިއްބައިދޭ ބުއިންތަކެކެވެ. ހާއްސަކޮށް ތާޒާ ތަރުކާރީ އައި މޭވާއިން ތައްޔާރުކުރެވޭ ޖޫސްތަކަކީ އޭގައި ހަށިގަނޑަށް ފައިދާ ލިބޭ މާއްދަތަށް އެކުލެވޭ ޖޫސްތަކެކެވެ. ނަމަވެސް ފިހާރަތަކާއި
ބާޒާރުތަކުން ވިއްކާ ޖޫސްތަކާއި ސްމޫތީތަކަކީ ހަކުރާއި ކެލޮރީސް އިން ފުރިގެންވާކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ގިނައިން މިފަދަ ޖޫސްތަށް ބުއިމުން ބަރުދަން އިތުރުވެ ދަތް ފަނިކެއުމާއި ލޭގައި ހަކުރުގެ މިންވަރު މަތިވުން ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިވުމަކީ ދުރުގައި އޮތް ކަމަކަށް ނުވާނެއެވެ.