ރިޕޯޓްއިޤްތިޞާދުއެޑްވަޓޯރިއަލް

ރީތި ފުވައްމުލަކުގެ ރީތި މަގުތައް – އެމްޓީސީސީގެ ބުރަ މަސައްކަތް

ފުވައްމުލައް ސިޓީ -- ފޮޓޯ: އެމްޓީސީސީ

ޢުމްރާނީ ތަރައްޤީގެ ދާއިރާގައި ރާއްޖޭގެ އެންމެ އިސްސަފުގައި މަސައްކަތްކުރަމުންދާ ރާއްޖޭގެ އެންމެބޮޑު ކޮންޓްރެކްޓާރ އެމްޓީސީސީގެ މަޤްސަދަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހުވަފެންތައް ހަޤީގަތަކަށް ހަދައިދިނުމެވެ. ބަނދަރު ހެދުމާއި، ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޒަރީއާޢިންނެވެ. އެއަރޕޯޓް ތަރައްޤީ ކުރުމާއި މަގުހެދުމުގެ ޒަރީޢާއިންނެވެ.

ބަނދަރުހެދުމާއި ފަޅުފުންކުރުންފަދަ މަސައްކަތްތަކަކީ 1990 ގެ އަހަރުތަކުގެ ތެރޭގައި ތަޢާރަފުވި މަސައްކަތްތަކެއް ކަމުގައިވިޔަސް، އެއަރޕޯޓް ތަރައްޤީ ކުރުމާއި، މަގުހެދުމުގެ މަސައްކަތަކީ ފަހުގެ އަހަރުތަކުގައި ކުންފުނިން ފަށައިގެން މަސައްކަތްތަކެކެވެ. އެމްޓީސީސީއިން ވަނީ މި ދާއިރާތަކަށް އައު ޓެކްނޮލޮޖީ އާއި ހުނަރު ތަޢާރަފްކޮށް، މި ދާއިރާގެ މަސައްކަތަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ. ރާއްޖޭގެ މާހައުލުގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ޙައްލުކުރުމުގެ ގޮތުން، މަސައްކަތަށް ތައްޔާރުވުމުގައާއި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގެންގުޅޭނެ އަމިއްލަ އުޞޫލުތަކާއި މަސައްކަތްކުރާ އަމިއްލަ މިންގަނޑުތަކެއް އެމްޓީސީސީން ވަނީ އެކުލަވާލާ ތަރައްޤީކޮށްފައެވެ.

އެމްޓީސީސީން ކުރިއަށްގެންގޮސް ނިންމާލި، ފުވައްމުލަކު ރިންގ ރޯޑް -- ފޮޓޯ: އެމްޓީސީސީ

ހިންގާ ކޮންމެ މަޝްރޫއެއްގެ ތަޖުރިބާގެ އަލީގައި އެމްޓީސީސީގެ މަސައްކަތް ހިންގާ ގޮތް އިތުރަށް ފުރިހަމަކުރަމުން ގެންދެއެވެ. މިގޮތުން، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު، ޏ. ފުވައްމުލަކުގެ ރިންގް ރޯޑު ޒަމާނީ ފެންވަރަކަށް ހަދާއި ނިންމާލެވުމަކީވެސް ކުންފުނީގެ ތަޖުރިބާގެ ސަފްޙާއަށް އިތުރުވި އައު ބާބެކެވެ. ފުވައްމުލަކުގެ ރައްޔިތުންނަށް ލިބުނު ލުއިފަސޭހައެކެވެ. ޤުދުރަތީ ރީތިކަމެއް ލިބިފައިވާ ފުވައްމުލަކުގެ މަލަމައްޗަށް ލިބުނު އިތުރު ފަރިކަމަކާއި ނަލަކަމެކެވެ.

ރާއްޖޭގެ ދެކުނުން ގދ. އަތޮޅާއި އައްޑޫ ސިޓީއާއި ދޭތެރެއިން ކަނޑުގެ މެދުގައި އޮންނަ ފުވައްމުލަށް ސިޓީއަކީ އެއްފަސްގަނޑަކަށް އެއް އަތޮޅެއްގެ ގޮތުގައި އޮންނަ އެކަހެރި ރަށެކެވެ. އަށް އަވަށަކަށް ބެހިފައިވާ މިރަށުގައި 14،000 އެއްހާ މީހުން ދިރިއުޅެއެވެ. ތަރައްޤީގެ ރޮނގުން ބަލާއިރު ފުއައްމުލަކަކީ ރާއްޖޭގެ އެންމެ ތަރައްޤީ ރަށްތަކުގެ ތެރޭ ހިމެނޭ އެއް ރަށެވެ. ރާއްޖޭގެ އެއް ރަށަކުން އެންމެ ރަނގަޅު ތަޢުލީމާއި ސިއްޙީ ޙިދުމަތް ލިބެން އޮތް އެއް ރަށަކީ ފުއައްމުލަކެވެ. އަދި މިރަށަކީ މީހުން އާބާދުވުމަށް ބިމުގެ ގޮތުން ޖާގަ ތަނަވަސް، ދަނޑުވެރިކަމާއި ސިނާޢީ މަސައްކަތްތަކާއި ފަތުރުވެރިކަމަށްވެސް އިންވެސްޓްކުރުމަށް ފުރުޞަތު އޮތް، ބިން ތިޔާގި ރަށެކެވެ. ފުއައްމުލަކުގެ ބޮޑެތި މަގުތަކުގައި އެއްޒަމާނެއްގައި އެންމެ ގިނައިން ދުއްވަމުން އައީ ބައިސްކަލެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ސައިކަލު ދުއްވާ މީހުންގެ އަދަދު އިތުރުވެގެން ދިޔައެވެ. އަދި 2003 ވަނަ އަހަރު ލަފާފުރަން ފަސޭހަ ބަނދަރެއް ރަށުގަ ޤާއިމުކުރެވުމާއެކު ނިސްބަތުން ރަށުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެގެން ދިޔައެވެ. ނަމަވެސް، ރަނގަޅަށް ހެދިފައިވާ މަގުތައް ނެތުމާއެކު، މިކަން ވެގެން ދިޔައީ ރަށުގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު އިތުރުވެގެން ދިޔަ ކަމަކަށެވެ.

އެމްޓީސީސީން ކުރިއަށްގެންގޮސް ނިންމާލި، ފުވައްމުލަކު ރިންގ ރޯޑް -- ފޮޓޯ: އެމްޓީސީސީ

ވާރޭކޮޅެއް ވެހިލާއިރަށް ފެން ނުހިނދި އެތަކެއް ދުވަހެއް ވުމުގެ ސަބަބުންނާއި، ފެން ހިނދުމަށްފަހުވެސް ބޮޑެތި އަޑިގުޑަންތަކެއް ހުރުމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިވެ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އިތުރުވިއެވެ.

ފުއައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރާނެ ދުވަހަކަށް އެ ރަށުގެ ރައްޔިތުން ކުރަމުން އައި އިންތިޒާރަށް ނިމުން އައީ 2019  ވަނަ އަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހު، ސަރުކާރުން ފުއައްމުލަށް ރިންގް ރޯޑް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރުމުންނެވެ. މި މަޝްރޫޢުގެ ދަށުން، 2950 މީޓަރުގެ ހިނގާ ސަރަޙައްދަކާއި، 20،650 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދަކާއި، 4425 އަކަ މީޓަރުގެ ޕޭވްމެންޓެއް ހަދާއި، މަގުބައްތި ހަރުކޮށް މަގުމަތީ ނިޝާން ހަރުކުރެވުނެވެ. މަސައްކަތް ނިންމާލެވުނުއިރު ފުއައްމުލަކުގެ މަގުތަކަކީ ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ މަގުތަކެކެވެ.

އެމްޓީސީސީން ކުރިއަށްގެންގޮސް ނިންމާލި، ފުވައްމުލަކު ރިންގ ރޯޑް -- ފޮޓޯ: އެމްޓީސީސީ

ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ކުރެވިފައިވާ މަގުތަކެކެވެ. ރައްޔިތުންގެ ޙިޔާލު ހޯދާއިގެން ރައްޔިތުންގެ މަޝްވަރާގެ މަތިން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ އެމްޓީސީސީގެ އަމާޒެވެ. ފުއައްމުލަކު ރިންގް ރޯޑް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އައިއިރު، ފުއައްމުލަކު ރައްޔިތުންގެ އެއްބާރުލުން އެމްޓީސީސީގެ ޓީމަށް ފުރިހަމައަށް ލިބުނެވެ. މަޝްރޫޢުގެ މަސައްކަތަށް ފުއައްމުލަކުގެ 30 ރައްޔިތުންނަށް ވަޒީފާ ދެވުނެވެ. މިއީ ކޮވިޑްގެ ދަތި ހާލަތުގައި ފުއައްމުލަކު ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވާދީ ރަށުގެ އިޤްތިސާދު ރަނގަޅު ކުރުމަށް އެމްޓީސީސީއަށް ކޮށްދެވުނު ހެޔޮކަމެކެވެ.

ކޮވިޑް 19 ގެ ދަތިދުވަސް ވަރު ފުއައްމުލަކު ރިންގ ރޯޑް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މެޓީރިއަލް ގެނައުމުގަ ގިނަ ދަތިތަކެއް ދިމާވިއެވެ. ޚާއްސަކޮށް ޕޭވްމަންޓް ބްލޮކް ގެނައުމުގައި ދަތިތައް ދިމާވިއެވެ. އޯޑަރކޮށްފަ ހުރި މުދާ ބާރޖްތަކަށް ބަރުކޮށްފަ މަސް ދެމަސް ވަންދެން ބަހައްޓަން ޖެހުނެވެ. ނަމަވެސް ތިމަންމެންނަކަށް ނުވިއޭ ކިޔާފަ ކޮވިޑްގެ ބަލިމަޑުކަމުގެރޭ މަސައްކަތް ހުއްޓާލުމަކީ އެމްޓީސީސީގެ އުސޫލެއް ނޫނެވެ. ދަތިތަކާ ހުރަސްތަކާއެކުވެސް އެ ކުންފުނިން މަސައްކަތް ފުރިހަމަ ކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުން -- ފައިލް ފޮޓޯ: ރައީސް އޮފީސް

އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި 2020 ވަނަ އަހަރު އެންމެ ކާމިޔާބު އަހަރެއްގެ ގޮތުގައި ހިމެނުން އެއީ މިކަމުގެ އަލިގަދަ ދަލީލެކެވެ. ފުއައްމުލަކު ރިންގް ރޯޑު މަޝްރޫޢާއެކު ވޭތުވެދިޔަ އަހަރު ކުންފުނިން 34 މަޝްރޫޢު ނިންމިއެވެ.

މިއީ އަހަރެއްގެ ތެރޭގައި އެމްޓީސީސީގެ ދިގު ތާރީޚުގައި އެންމެގިނަ މަޝްރޫޢު ނިންމުނު އަހަރެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ދިމާވި ދަތިތަކާއެކުވެސް ވަރުބަލިކަމެއްނެތި އެމްޓީސީސީގެ ޓީމް ދެއްކި ހިތްވަރަކީ ތަޢުރީފު ހައްޤު ހިތްވަރެކެވެ.

އެމްޓީސީސީން ކުރިއަށްގެންގޮސް ނިންމާލި، ފުވައްމުލަކު ރިންގ ރޯޑް -- ފޮޓޯ: އެމްޓީސީސީ

މިއަދު އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިއްމު ބައިވެރިޔާއެވެ. ރައްޔިތުންގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދޭ ރައްޔިތުންގެ ކުންފުންޏެވެ. ފުއައްމުލަކު ރިންގ ރޯޑު މަޝްރޫޢަކީ ފުއައްމުލަކު ރައްޔިތުން ޒަމާނުއްސުރެ ތަޙައްމަލު ކުރަމުން އައި ދަތިތަކަށް ނިމުން ގެނެސްދިން މަޝްރޫޢެކެވެ. ނަލަ ރީތި ފުއައްމުލަކުގެ މަލަމައްޗަށް އިތުރު ހިތްގައިމުކަމެއް ގެނެސްދިން މަޝްރޫޢެކެވެ.

0
0
0
0
0

1 ކޮމެންޓް

  1. ފައިސާ އަތުލައިގެން ނޫހުގައި އެއްޗެއް ޖެހިޔަސް މިދެން ތަންކޮޅެއް ބޮޑުވަރު. މިރާއްޖޭގައި އަގުކޮށް ގަނެނުލެވޭ ހަމަ އެކަކުވެސް ނެތީ. ފައިސާ އެޅިވަރަކަށް ޕްރޮޕަގެންޑާ ފަތުރާދޭ ނޫސްތައް މިހުންނަނީ.

ކޮމެންޓް

Your email address will not be published.

0 %