މީސްލްސް ނުވަތަ ހިމަބިހީގެ ވެކްސިން ޖެހުމުގެ އިންތިޒާމު ދަމަނަވެށީގައި ހަމަޖައްސައިފިއެވެ.

ހެލްތް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވެކްސިން ޖަހައިދޭނީ، މީސްލްސް ވެކްސިން ދެ ޑޯޒް ހަމަނުކޮށް ތިބި ކުދިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންނަށް ކަމަށެވެ.

އަދި ރަސްމީ ބަންދު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން ހަވީރު 17:00 އަށް ވެކްސިން ޖަހައިދޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

މީގެ އިތުރުން ވެކްސިން ޖަހަން އަންނައިރު، ކުއްޖާގެ އައި.ޑީ ކާޑު އަދި ވެކްސިން ފޮތް ގެނައުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ވެކްސިން ފޮތް ނެތްނަމަ އައި.ޑީ ކާޑު ގެނައުމުންވެސް ވެކްސިން ޖަހައިދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީސްލްސް ވެކްސިން ޖަހަން އެއްވެސް ފީއެއް ދައްކަން ނުޖެހޭއިރު، މީސްލްސް އާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ހޮޓްލައިން ނަންބަރު 7377004 އަށް ގުޅުއްވުން އެދޭކަމަށްވެސް އިއުލާނުގައިވެއެވެ.

ހިމަބިހި ވެކްސިންގެ ފުރަތަމަ ޑޯޒް، އެމް.އާރް، ހަމަކުރަން ޖެހެނީ ކުއްޖާއަށް އުމުރުން 9 މަސް ފުރުމުންނެވެ. އަދި ދެވަނަ ޑޯޒް ކަމަށްވާ އެމް.އެމް.އާރް ޖަހަން ޖެހެނީ ކުއްޖާއަށް 18 މަސް ފުރުމުންނެވެ.

ވައިގެ ޒަރީއާއިން ހަލުވިކަމާއި އެކު ފެތުރޭ ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް،MR  MMR މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްގެނެވެ.

ހިމަބިހީގެ ވެކްސިން ޖަހައިދޭން ފަށައިފައި މިވަނީ ދޮޅު އަހަރަށް ފަހު ރާއްޖެއިން ހިމަބިހި ފެނުމާއި އެކުގައެވެ. އިއްޔެ ހެލްތް މިނިސްޓްރީން ވަނީ ރާއްޖޭގައި ހިމަބިހި ފެތުރެމުން އަންނަ ކަން ރަސްމިކޮށް އިއުލާންކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *