ޖިންސީ ކުށުގެ ހަތް ދައުވާ އަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލްކުރުމުން އޭނާ ރާއްޖެ ދޫކޮށް ފުރައިފިއެވެ.
"ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އޮތް އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ވަަނީ މުރާޖާކޮށްފައެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހަށް އޭނާގެ ޑޮކްޓަރަކު ހާޒިރުކުރުމުން އޭނާގެ މައި ބަދައިގެ ޑިސްކްތަކެއް ގުޑާފައިވާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.
ޑޮކްޓަރު މިގޮތަށް ޝަރީއަތުގެ މަޖިލީހުގައި ބުނުމާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވަނީ ބާތިލްކޮށްފައެވެ. އަދި މިއަދު އިރު އޮއްސުނު ވަގުތު އަލީ ވަހީދު ރާއްޖެއިން ފުރައިގެން ގޮސްފައިވާކަން ވަނީ "ޖަޒީރާ" އަށް ކަށަވަރުކުރެވިފައެވެ.
އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ކޮން ގައުމަކަށް ކަން އަދި ކަށަވަރުވެފައިނުވާއިރު ރާއްޖެއިން ފުރައިގެން ދިޔަ ސަބަބު ވެސް ޔަގީންކުރެވިފައެއް ނުވެއެވެ.
އަލި ވަހީދުގެ މައްޗަށް ދައުލަތުން އުފުލީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.
އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.
މައްސަލައިގެ ފުރަތަމަ ޝަރީއަތުގައި ދައުލަތުން ދައުވާ އިއްވުމުން، އަލީ ވަހީދު ވަނީ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކުރައްވަފަ އެވެ. އެޔާއެކު ދައުލަތުން ވަނި އަލީ ވަހީދުގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ހެއްކާއި ގަރީނާ ހުށަހަޅާފަ އެވެ. އަދި ފުރަތަމަ އަޑުއެހުން ނިންމާލީ، ދައުވާތަކުން ދިފާއުވުމަށް ހެއްކާއި، ގަރީނާ ހުށަހެޅުމަށް އަލީ ވަހީދުއަށް އިތުރު ފުރުސަތެއް ދެއްވާފަ އެވެ.
މިއީ ސިއްރިއްޔާތުގައި ކުރިޔަށް ގެންދާ ޝަރީއަތަކަށް ވުމާއެކު އިތުރު ތަފްސީލްތަކެއް ލިބިފައެއް ނުވެއެވެ.
މިހާރު ދައުވާއަށް އިންކާރު ކުރުމަކީ ކުށުން ބަރީއަ ވުންތޯ؟ މިގައުމުގާ މިހާރު އިންސާފެއް ހަމައެއް ލަމައެއް ނެތް ކަން ވަރަށް ސާފު، މި ސަރުކާރުގެ އެއްވެސް މީހަކު ކުރާ ކުށަކީ ކުށެއް ނޫންކަމަށް ކޮން ގާނޫނެއްގާ ބާ އޮތީ؟؟