ދެ ކުދިންނާއި ދެމަފިރިން ހިމެނޭ ކުދި އާއިލާތައް ގިނަ ޒަމާނެއްގައި "ބޮޑު" އާއިލާއެކޭ ބުނެފިއްޔާ ހީވާގޮތުން އެއީ ކިތައް މެމްބަރުން ހެއްޔެވެ؟ 20 ހެއްޔެވެ؟ 30 ހެއްޔެވެ؟ ނޫނީ 50 ހެއްޔެވެ؟ ނޫނެކެވެ. ދުނިޔޭގެ އެއްމެ ބޮޑު އާއިލާގައި 181 މެމްބަރުން އެބަ ތިއްބެވެ. އަދިވެސް މި އަދަދު ދާނީ މައްޗަށެވެ.

ކުދި އާއިލާ، ފެޝަނަކަށް ވެފައި އޮތް ދުވަސްވަރެއްގައި، އިންޑިޔާގެ 74 އަހަރުގެ ޒައްޔަވްނާ ޝަނާގެ 39 އަނބިން، 94 ދަރިން، 14 ޅީދަރިން އަދި 33 ކާފަދަރިން ތިބުމަކީ އޭނާ ދެކޭގޮތުގައި ވަރަށް ބޮޑު ނިޢުމަތެކެވެ. މި ޢަދަދާއި އެކު ޒައްޔަވްނާ ވަނީ ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބަލަދުވެރިފަރާތުގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތްތަކާއި، ޓީވީ ޝޯތަކުގައި މަޝްހޫރުވެފައެވެ. މި ޢާއިލާ ދިރިއުޅެނީ، އިންޑިޔާގެ އިރު އުތުރުގައި އޮންނަ މެޒޯރަމް ސްޓޭޓްގެ ރީތި ބެޓޮންގ ފަރުބަދަތަކުގެ މެދުގައި އޮންނަ ކުޑަ އަވަށެއްގައި ހަދާފައިވާ 100 ކޮޓަރީގެ ގެއެއްގައެވެ.

ހަމަޖެހޭ އުފާވެރި ދިރިއުޅުމަށް އަދަބު އަޚްލާޤާއި ކަންކަމުގެ ތަރުތީބަކީ ވަރަށް މުހިއްމު ކަމެއްކަން ޒައްޔަވްނާ ގަބޫލުކުރެއެވެ. އާއިލާގެ ހުރިހާ މެމްބަރުންވެސް އުޅެންވާ ގޮތް އަދި ކުރަންވާ ކަންތައް ރާވާ އިންތިޒާމް ކުރާ އެއްމެ އިސްފަރާތަކީ، ޒައްޔަވްނާގެ އުމުރުން އެންމެ 17 އަހަރުގައި އަލަށް އިން އޭނާގެ ދޮށި އަނބި ޒަތިއަންގި އެވެ. ޒައްޔަވްނާގެ ދެން ތިބި އަނބިން ކުރަންވީ ކަންތައްވެސް، ކޮންމެ ދުވަހަކު ބަހާ ހަވާލުކުރުމަކީ، ޒައްޔަވްނާގެ ފަރާތުން ދޮށީ އަނބި އަދާކުރާ ބޮޑު ޒިންމާއެވެ. މި ޢާއިލާގެ ދުވަސް ފެށެނީ ފަތިހު 5.50 ގަ އެވެ. ފަތިހުގެ އަޅުކަމަށް ފަހު ކޮންމެ ދުވަހަކު އެމީހަކު ކުރަންޖެހޭ މަސައްތައް ހަވާލު ކުރުން އޮވެއެވެ. އަންހެނުންނަށް ކެއްކުމާއި، ސާފުކުރުމާއި، އަންނައުނު ދޮވުމާއި ކުދިން ބެލުމެވެ. ފިރިހެނުންނަށް ދަނޑުހެއްދުމާއި، ކުކުޅުހާ ގެންގުޅުމާއި، ވަޑާންކުރުމާއި އެލްމެނިއަމް އިން ތަކެތި ހެދުމެވެ. މުޅި އާއިލާ އަށް ބޭނުންވާވަރަށް ގޮވާމާއި، މޭވާ އަދި ތަރުކާރީ ހައްދަނީ އަމިއްލައަށެވެ. ގޭގައި ކެއުމަށް އިރަކަށް 100 ކިލޯ ހަނޑުލާއި 60 ކިލޯ އަލުވީގެ އިތުރުން 30 ކުކުޅު ބޭނުން ކުރެއެވެ. ހަވީރު މަސައްކަތުން މީހުން އެނބުރިއައުމުން 4 އާއި 6 އާއި ދެމެދު ރޭގަނޑުގެ ކެއުން އޮވެއެވެ. އެންމެ ކުރިން ކާނީ އެންމެ ކުޑަކުދިންނެވެ. ހުރިހާކަމެއް ނިމިގެން 9 ޖަހާއިރު ބޮކިތައް ނިވާލާނެއެވެ. އެވީ ނިދާށެވެ.

ޒައްޔަވްނާގެ ހުރިހާ އަނބިންވެސް އޮންނަތަރުތީބުން ރޭކުރާނީ، ޑަބަލް ބެޑްލާފައި ހުންނަ އޭނާގެ ކޮޓަރީގައެވެ. އެހެން ރޭރޭ މުސްކުޅި އަންބިން ނިދާނީ އެއްކޮށް ހާމައަށް ހުންނަ ފެންޑާގައެވެ. ޒައްޔަވްނާގެ 39 އަނބިންގެ ތެރެއިން 22 އަނބިންނަކީ 40 އަހަރުން ދަށުގެ އަންހެނުންނެވެ. ޒުވާން އަނބިންގެ ކޮޓަރިތައް ހުންނާނީ އެންމެ ތިރީގައި ޒައްޔަވްނާގެ ކޮޓަރިއާއި ކައިރީގައެވެ. މީނާގެ އަނބިންގެ މެދުގައި އެއްވެސް ވަރަކަށް ހަސަދަވެރިކަމެއް ނޯވެއެވެ. ޒައްޔަވްނާގެ އެއް އަންބަކު، ޒައްޔަވްނާ އަކީ ދުނިޔޭގައި ހުރި އެންމެ ރީތި މީހާގެ ގޮތުގައި ސިފަކުރާ އިރު، އަނެއް އަންބަކު ބުނީ އާއިލާގެ އުފާވެރިކަމުގެ ސިއްރަކީ އެކަކު އަނެކަކަށް ވާ ލޯތްބާއި ކުރާ އިޙްތިރާމެވެ. ޒައްޔަވްނާ ހާމަ ކުރި ގޮތުގައި އޭނާގެ ހުރިހާކުދިންނަށް ވެސް ނަން ދިނީ ޚުދު އޭނާއެވެ. އަދި ހުރިހާ ކުދިންނަށްވެސް ގޮވަނީ އެކުދިންގެ ނަމުންނެވެ.

ޒައްޔަވްނާގެ 26 އަންހެންދަރިއަކު ކައިވެނިކޮށްގެން އުޅެއެވެ. ކައިވެނި ކުރާ ހިސާބުން އަންހެން ދަރިން ދިރިއުޅެނީ ވަކިންނެވެ. ފިރިހެން ދަރީން އެކުދިންގެ އަނބިންނާއި އެކު އުޅެނީ މި ޢާއިލާއާއި އެކުގައެވެ. މި ކޮމިއުނިޓީގެ ހުރިހާ ފިރިހެނުންނަށްވެސް ބޭނުން އަދަދަކަށް އަނބިން ގެންގުޅުމުގެ މިނިވަންކަން އޮވެއެވެ. ޒައްޔަވްނާ ގަބޫލުކުރާ ގޮތުގައި އޭނާއަށް ލިބުން އެންމެ ބޮޑު ރަޙްމަތަކީ ގިނަ އަނބިން ލިބުމެވެ. ގައުމުން ބޭރުން ވިޔަސް އަދިވެސް އިތުރަށް އަނބިން ހޯދަން ޒައްޔަވްނާ ހުރީ ތައްޔާރަށެވެ.

ޒައްޔަވްނާ ގެ ދަރިންނަށް ޚާއްސަކޮށް ސްކޫލެއްވެސް މި އަވަށުގައި ހިންގައެވެ. މި ސްކޫލުގެ ކަންކަން ބަލަހައްޓަނީ އޭނާގެ ކޮއްކޮއެވެ. މި ސްކޫލުގައި ސަރުކާރުގެ މަންހަޖަށް ކިޔަވާދިން ނަމަވެސް މި ކޮމިއުނިޓީގެ ކަންކަން ދަސްކޮށްދިނުމަށް އިތުރު މާއްދާތައްވެސް އެކުލަވާލެވިގެން ކިޔަވާ ދެމުން ދެއެވެ. ޒައްޔަވްނާގެ އާއިލާގެ އެއްވެސް ކަމެއްގައި އޭނާ ސަރުކާރަށް ބަރޯސާ ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *