"ހިޔާ" ފްލެޓް މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން މިރޭ އާއްމުކޮށްފިއެވެ. މި ފްލެޓްތަކަށް 25،000 އަށްވުރެ ގިނަ މީހުން ކުރިމަތިލިއިރު މިރޭ ވަނީ ފްލެޓް ލިބޭ 6،720 މީހުންގެ ލިސްޓު އާއްމުކޮށްފައެވެ.
މިރޭ އާއްމުކޮށްފައިވާ ކެޓަގަރީތަކަކީ:
1. H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ) ކެޓަގަރީ
2. H5 (ޓީޗަރުންނަށް ޚާއްސަ) ކެޓަގަރީ
3. H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީ
4. H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ
5. H8 (މާލޭ ރަށްވެހިންނަށް ޚާއްސަ) ކެޓަގަރީ
6. H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ
7. H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) ކެޓަގަރީ
8. ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީ
މި ކެޓަގަރީތަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ދާއިމީ ލިސްޓުވެސް ވަނީ އާއްމުކޮށްފައެވެ.
ހަމައެހެންމެ ވަގުތީ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި، ޕޮއިންޓް ލިބިފައިވާ ގޮތާ ގުޅޭގޮތުން ފްލެޓް ކޮމިޓީއަށް ލިބިފައިވާ ހުރިހާ ޝަކުވާތަކަށާއި، 30 ޑިސެންބަރު 2020 އިން ފެށިގެން 5 ޖަނަވަރީ 2021 ގެ ނިޔަލަށް މި ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވާ މިންގަނޑާ ގުޅޭގޮތުން ލިބިފައިވާ ހުރިހާ ޝަކުވާއަކަށް ލިޔުމުން ޖަވާބުދީފައިވާނެ ކަމަށް ވެސް އެ ކޮމިޓީއިން ހާމަކޮށްފައިވެއެވެ. އަދި ދާއިމީ ލިސްޓު އެކުލަވާލެވިފައިމިވަނީ، މި ކެޓަގަރީތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހު ކަމަށް ވެސް ފްލެޓް ކޮމިޓީއިން ހާމަކޮށްފައިވެއެވެ.
ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ، ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީއެއްގައި ކަމަށް ވެސް އެ ކޮމިޓީއިން ބުނެފައިވެއެވެ.
ކުރީ ސަރުކާރުން 7،000 ފްލެޓް ދޫކުރުމަށް ނިންމި ނަމަވެސް މި ސަރުކާރުން ފްލެޓް އިމާރާތްތަކުގެ އެންމެ ތިރީ ފްލޯރ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަސާސީ ބޭނުންތަކަށް ޚާއްސަ ވިޔަފާރިތަކަށް ޚާއްސަކުރުމާއެކު އެ އަދަދު ވަނީ 6،720 އަށް ތިރިވެފައެވެ. މިރޭ ދާއިމީ ލިސްޓު އާއްމުކުރި ނަމަވެސް ފްލެޓް ދޫކުރުމުގެ ކުރިން ހައުސިންގ މިނިސްޓްރީއިން އިތުރަށް ކަންކަން ބަލާނެ ކަމަށް ފްލެޓް ކޮމިޓީއިން ހާމަކޮށްފައިވެއެވެ.
ހިޔާ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، %50 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ފްލެޓް ކޮމިޓީއިން ވަނީ ކަނޑައަޅާފައެވެ. މިކަމުގެ ސަބަބުން ދާއިމީ ލިސްޓް ފައިނަލްކުރިއިރު، ބައެއް ކެޓަގަރީތަކަށް އެލޮކޭޓް ކޮށްފައިވާ ފްލެޓްގެ އަދަދަށްވުރެ އެ ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ އަދަދު ވަނީ މަދުވެފައެވެ. އަދި އެކި ކެޓަގަރީއިން ބާކީވި ފްލެޓްތައް މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއަށް އިތުރުކުރެވިފައިވާ ކަމަށް ފްލެޓް ކޮމިޓީއިން ވަނީ ހާމަކޮށްފައެވެ.