މިއަދުގެ ވެބިނަރގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދަސްވެގެންދިޔަ އެންމެ މުހިންމު އެއް ކަމަކީ ހިދުމަތްތައް ލާމަރުކަޒުކުރުމުގެ މުހިންމުކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޖެނީވާގައި ހުންނަ ބަންގަލަދޭޝްގެ ދާއިމީ މިޝަން އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގުޅިގެން "ކްލައިމެޓް ޗޭންޖް ޕްރިއޯރިޓީސް އޮން ހެލްތު، ހިއުމަން ރައިޓްސް އެންޑް ލޭބަރ" އަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ޚާއްސަ ވެބިނަރގައި ވާހަކަ ދައްކަވަމުންނެވެ.

މި ވެބިނަރގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ސިއްޚީ ހިދުމަތްތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އެންމެ ފަސޭހައިން މިންޖުވެވޭނީ ލާމަރުކަޒުކޮށް އެ ހިދުމަތް ފޯރުކޮށްދެވިގެންކަން ކޮވިޑްގެ ސަބަބުން ފެނިގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލާމަރުކަޒުކޮށް ސިއްޚީ ހިދުމަތް ފޯރުކޮށްދެވޭނަމަ ދިމާވާ އެކި ގޮންޖެހުންތަކުގެ ސަބަބުން ހިދުމަތް ހުއްޓާނުލައި ފޯރުކޮށްދެވޭނެ ކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އެކި ހާދިސާތަކާއި ކުރިމަތިވާނެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ސަބަބުން މީހުން ހިޖުރަކުރަން ފަށާނެ ކަމަށެވެ. އަދި އެހާ ހިސާބުން ވަރަށް ގިނަ ބަޔެއްގެ ހައްގުތައް ގެއްލޭނެ ކަމަށާއި އެ ހައްގުތައް ހިމާޔަތްކުރަން އެންމެ މުހިންމު އެއް ފިޔަވަޅަކީ ޑިމޮކްރަސީގެ އުސޫލްތަކަށް އަމަލުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދާ ވަރަކަށް އައު ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރަންޖެހޭކަން ސައިންސުން އެނގޭ ކަމަށާއި ބައިނަލްއަގްވާމީ އިންވެސްޓްމަންޓް ބޭންކްތަކުން މިހާރު ބޭނުންނުކުރެވޭ ޓެކްނޮލޮޖީތަކަށް ފަންޑުކުރުން ހުއްޓާލަން ޖެހޭ ކަމަށް ދެކިލައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރެވެ. ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ މައިިގަނޑު ގޮތެއްގައި މަސައްކަތްކުރައްވާނީ ޕެރިސް އެގްރީމަންޓްގައި ހިމެނޭކަންކަން ފުރިހަމަކުރެއްވުމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ގައުމުތައް އަހުލުވެރި ކުރުވުމާއި، ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކުރައްވައި މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމުގެ މަސައްކަތެވެ.

ސީވީއެފްއަކީ ދުނިޔޭގައި އިއުލާންކޮށްފައިވާ ކްލައިމެޓް އިމަރޖެންސީގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ ތަރައްގީ ވަމުން އަންނަ 48 ގައުމެއްގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ ޕާޓްނާޝިޕެކެވެ. މިވަގުތު މި ޕާޓްނާޝިޕްގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ ބަންގްލަދޭޝްއިންނެވެ. ސީވީއެފްގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ރައީސް ނަޝީދު ހިމެނޭހެން މިދިޔަ އަހަރު ވަނީ ފަސް ތީމެޓިކް އެމްބެސެޑަރުން އައްޔަނުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.