ކޮވިޑްގެ ކޭސްތަކާއި ގުޅިގެން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ކޮށްފައިިވާ އިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އައްޑޫސިޓީން ފެނި، އައްޑޫސިޓީ މޮނިޓަރިންގ ހާލަތަސް ގެނެވިފައިވާތީ، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއްވާފައިވާކަމަށެވެ. އަދި މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 2021 ފެބުރުވަރީ 09 ވާ އަންގާރަ ދުވެހުގެރޭ ފަތިސް ނަމާދުން ފެށިގެން 2021 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް، އައްޑޫސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދު ޖަމާޢަތް ނުހެދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަންނަވާފައިވާކަމަށެވެ.
ކައުންސިލުން ބުނީ މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދުނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިއްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙައްތެރިވެ ވަޞިއްޔަތް ކުރާކަމަށެވެ.
Adduge Miskiythakugai jamaa'athugai namaadhukurun huttaalun.
10 February 2021 - 17 February 2021https://t.co/gXUN5YyzkG pic.twitter.com/Qg3LxmVY3k— Addu Emergency Operations Center (@EOCaddu) February 9, 2021
އައްޑޫ ސިޓީ ކައުންސިލުން ވަނީ ކޮއެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ، އިތުރު ފިޔަވަޅުތައްވެސް އަޅާފަ އެވެ.
އައްޑޫގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް:
- އައްޑޫ ސިޓީގައި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްނުކުރުން
- އައްޑޫ ސިޓީގައި އެއްރަށުން އަނެއް ރަށަށް ދަތުރުނުކުރުން
- އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާންމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުން
- ސްކޫލްތަކުގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކުރުން
- ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން
- ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓުން
- ޕާޓީތަކާއި، ހަފްލާތަކާއި، ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުން
- ޓެކްސީ ޚިދުމަތް ފޯރުކޮށްދޭނަމަ ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިއުން