އައްޑޫ ސިޓީގައި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ކައުންސިލުން މަނާކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެސިޓީގައި އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ މިވަނީ ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ސިިޓީ މޮނިޓަރިންނަށް ލާފާއިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އެ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަންދެން އެސިޓީގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އައްޑުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެތެރޭގައި:
- އައްޑޫ ސިޓީގައި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްނުކުރުން
- އައްޑޫ ސިޓީގައި އެއްރަށުން އަނެއް ރަށަށް ދަތުރުނުކުރުން
- އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާންމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުން
- ސްކޫލްތަކުގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކުރުން
- ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން
- ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓުން
- ޕާޓީތަކާއި، ހަފްލާތަކާއި، ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުން
- ޓެކްސީ ޚިދުމަތް ފޯރުކޮށްދޭނަމަ ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިއުން
މި އެންގުންތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި އަންގާ އެންގުންތަކަކަށްވުމުން މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.