ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައެޅީ ހޯމަ ދުވަަހު ކަމަށެވެ.
އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބަލާއިރު އޯލެވެލް އިމްތިހާން ހަދަމުންދިޔަ ވަގުތާއި ދިމާކޮށް ތ. އަތޮޅު ތައުލީމީ މަރުކަޒު ގޮއްވާލަން މަސައްކަތް ކުރުމުގެ ތުހުމަތު އެމީހުންގެ މައްޗަށް ކުރެވޭއިރު ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވާ ކަމުގެ ތުހުމަތު ކުރެވެއެވެ.
އަދި ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނުތައް ހަދަމުން ދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި، ހަރުކަށި ފިކުރުގެ ދަރުސްތައް އޮންލައިންކޮށް ވެސް ބާއްވަމުންދާ ކަމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެވޭ ކަމަށެވެ. އަދި އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކޮށް، ވަކި ޖަމާއަތްހަދައިގެން ނަމާދު ކުރަމުންދިއުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ވެސް ތުހުމަތުކުރެވެއެވެ.
- އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/ ފެހިވިދުވަރުގެ (34އ)
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާގެ އިތުރުން ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދަޢުވާ
- އަހްސަން މުހައްމަދު، ތ. ތިމަރަފުށި/ އަސްރަފީވިލާ (32 އ)
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ.
- އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ ފެހިވިލާ (18 އ)
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދަޢުވާ.
- އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ ބީޗްހައުސް (29 އ)
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާގެ އިތުރުން ، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ.
- އިމްރާހިމް ލޫތު، ނ.ކުޑަފަރި/ ރޯޒްމީޑު (21 އ)
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ
- ޝަމާހު ޝަރީފް، ތ. ތިމަރަފުށި/ ސައިމާ ( 20 އ)
- އަލީ މުނީޒް، ތ. ތިމަރަފުށި/ ކެނެރީގެ (28 އ )
ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ.
- މުހައްމަދު އާސިރު، ތ.ތިމަރަފުށި/ އަސުރުމާގެ (34 އ)
ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާ.