(އިއްޔެގެ ބަޔާއި ގުޅޭ)

76. އެމެރިކާއަށް ހިޖުރަކުރި ހިޖުރަވެރިންގެ ތެރެއިން އާއިލާއާއި ވަކި ކުރެވިފައިވާ ކުޑަކުދިންތަކެއް، ޓެކްސަސްގެ ޓޮރނިލޯގެ ވަގުތީ ހިޔާތަކެއްގެ ކައިރިން ހިނގާފައި ދަނީ. މީގެ ދެދުވަސް ފަހުން ސިޔާސީފަރާތްތަކުގެ ގިނަ ފިއްތުންތަކެއްގެ ސަބަބުން، ރައީސް ޓްރަމްޕްވަނީ، މިގޮތަށް އެތެރެވާ ކުދިންގެ އާއިލާތަކާ އެކުދިން ވަކިނުކުރުމަށް އަމުރެއް ނެރެ އެކަން ތަންފީޒުކުރަން ފަށާފައި.

77. 2018 ޖުލައި – ކެމަރޫނުން ޔޫރަޕަށް އެތެރެވާން އުޅެނިކޮށް، މެޑިޓެރޭނިއަން ކަނޑުގައި ހަލާކުވި ބޯޓަކުން، އެ ގައުމުގެ ޖޯސެފާ ސަލާމަތް ކުރާ އިރު ހަމަ މިބޯޓުން ދަތުރު ކުރި އެހެން މީހަކު ފިލާގަނޑެއްގެ މަތީގައި މަރުވެފައި. އެފްރިކާ އަދި މެދު އިރުމަތީގެ ހަނގުރާމަ ހިނގަމުންދާ ގައުމުތަކުގެ ގިނަ ބަޔަކު، ރައްކާތެރި ދިރިއުޅުމެއް ހޯދުމަށް މިގޮތަށް ޔޫރަޕަށް އެތެރެވޭ.

78. 2018 ނޮވެމްބަރ – ކެލިފޯނިޔާގެ މަލިބުގައި ފަރުބަދަ އެއް ރޯވެ އަނދަމުންދާ އިރު އެތާކައިރީގައި ހުރި ލައިފްގާޑު ޕޯސްޓްގައި އައްސާފައި ތިބި ލާމާތަކެއް.

79. 2018 އޮކްޓޯބަރ – ބަނޑަށް ޖެހިފައިވާ އުމުރުން 7 އަހަރުގެ އަމަލް ހުސައިން، ޔަމަންގެ އަސްލަމްގައި ޔުނިސެފުން ހިންގާ މޮބައިލް ކްލިނިކެއްގައި. ނިއުޔޯކް ޓައިމްސް އިން މި ކުއްޖާގެ މައުލޫމާތު ގެނެސްދިންތާ ދުވަސްކޮޅެއް ފަހުން މިކުއްޖާވަނީ މަރުވެފައި.

80. 2018 ނޮވެމްބަރ – އެމެރިކާ-މެކްސިކޯ ވަކިކުރާ ސަރަހައްދީ ރޮނގު ކައިރިއަށް އެމެރިކާގެ ބޯޑަރު ބަލަހައްޓާ ސިފައިން އެއްލި ކަރުނަގޭސް ދަޅަކުން ސަލާމަތްވާން ވެގެން، ހިޖުރަވެރިއެއް ކަމަށްވާ މާރިޔާ މޭޒާ އޭނާގެ 5 އަހަރުގެ އެއްމާބަނޑު ދެބެން ގޮވައިގެން ދުވަނީ. ކަރުނަގޭސް ބޭނުން ކުރީ މިތަނަށް އެއްވެފައި ތިބި ބައެއް މީހުންގެ ތެރެއިން މެކްސިކޯއާއި ވީ ފަޅީގައި ތިބި ބަޔަކު، އިންވަކިކުރާ ފެންސް ހުރަސްކޮށް ގަދަކަމުން އެމެރިކާއަށް ވަންނަން އުޅުމުން.

81. 2019 ފެބްރުއަރީ – އެމރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ގައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަ ނިމުމުން، ދައުލަތުގެ އިސް ދެ ވެރިން އަތްތިލަ ބަޑި ޖަހަނީ. ގިނަ ދުވަސް ތަކަކަށް ސަރުކާރު ހުއްޓިފައި އޮތުމަށްފަހު މި ޚިތާބު ދިނީ ތާވަލު ކުރި ތާރީޚަށް ވުރެ ހަފްތާއެއް ފަހުން.

82. 2019 އޭޕްރިލް – ޕެރިހުގައި ހުންނަ 850 އަހަރުވީ ފައްޅި، ނޮތުރެ ޑޭމްގައި އަލިފާން ރޯވެފައި. މި ބިނާއަކީ ފަންނުވެރިކަމުގެ ގޮތުން ފްރާންސްގައި އެންމެ ފާހަގަ ކޮށްލެވޭ ބިނާ.

83. 2019 މޭ – އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 އަށް އަލަށް ލިބިވަޑައިގެންނެވި މާމަ ދަރިކަނބަލުން އަރޗީ. މިއީ ހެރީއާއި މޭގަން އަށް ލިބިވަޑައިގެން ފުރަތަމަ ދަރިކަނބަލުން. މޭގަންގެ ކަނާތްފަރާތުން އެކަމަނާގެ މަންމާފުޅު ޑޯރިޔާ ރެގްލޭންޑް އަދި ރާނީގެ ކަނާތްފަރާތުން ފަހަތުގައި ޕްރިންސް ފިލިޕް.

84. 2019 ޖޫން – އެލް ސެލްވަޑޮރގެ އޮސްކާ އަލްބަރޓޯ މަރޓިނެޒް އަދި އޭނާގެ 2 އަހަރުގެ އަންހެން ދަރިފުޅު އެންޖީ ވެލޭރިޔާ، ރިއު ގްރާންދޭ ކޯރު ހުރަސްކުރަން އުޅެނިކޮށް މަރުވެގެން މެކްސިކޯގެ އައްސޭރިފަށަށް ލައްގާފައި. އެމެރިކާއަށް އެތެރެވުމަށް ހިޖުރަވެރިން ކުރާ ނުރައްކާތެރި ދަތުރު މި ފޮޓޯ އިން ވަރަށް ރަގަޅަށް ދައްކައިދޭ.

85. 2019 ޖޫން - އެމެރިކާގެ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ މޭގަން ރަޕީނޯ، ވޮރލްޑްކަޕް ކޮލިފައިން ގައި، ފްރާންސް ކޮޅަށް ދެ ގޯލުޖެހުމަށް ފަހު އުފާ ފާޅުކުރަނީ. ވިދިވިދގެން ދެ ވަނަ ފަހަރު އެމެރިކާއިން މި މުބާރާތް ކާމިޔާބު ކުރިއިރު ރަޕީނޯވަނީ 6 ގޯލް ޖަހާދީފައި.

86. 2012 ފެބްރުއަރީ – ސިލްސިލާ މުޒާހަރާތަކާއި ހަމަނުޖެހުން ގިނަ އެއްވުން ތަކަކަށްފަހު، ރައީސް ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވިކަން އަންގަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ. ރައީސް ނަޝީދު ނިސްބަތްވާ އެމް.ޑީ.ޕީ އިން މިއަދާއި ހަމައަށް ވެސް ބުނަމުން ދަނީ، ނަޝީދު އިސްތިޢުފާ ދެއްވީ މަޖުބޫރު ޙާލަތުގައި ކަމަށް.

87. 2011 އޮގަސްޓް – ރައީސް މުޙައްމަދު ނަޝީދު ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދޯންޏާއި ޖެޓީއާއި ދެމެދު އަޅާފައިވާ 1 ފޫޓުގެ ފިލައެއްގެ މަތީގައި ހިންގަވާފައި ވަޑައިގަންނަވަނީ. މާލޭފަޅުގައި އަޅާފައިވާ ބޯޓުތަކަށް މުދާ އަދި މީހުން އަރުވާ ބޭލުމަށް ޒަމާނުންސުރެ ބޭނުންކުރަނީ، މީގެ 1 ފޫޓު ފުޅާމިނުގެ ފިލާ. ރައީސް ނަޝީދު ފާހަގަ ކުރެވިފައިވަނީ އާދައިގެ ދިރިއުޅުމަށް ލޯބިކުރައްވާ ބޭފުޅެއްކަމުން ރަސްމީ ދަތުރުފުޅުތަކުގައިވެސް މާ ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ތަރުޙީބެއް ނުދެއްވާ.

88. 2019 ޑިސެމްބަރ – ކުރީގެ ރައީސް އަބްދުﷲ ޔާމިންގެމައްޗަށް ކުރެވުނު މަނީލޯންޑްރިންގ ގެ ދައުވާގެ އަޑުއެހުމެއްގެ ތެރެއިން. ޔާމިން ލޯންޑަރކުރެއްވި ކަމަށް ދައުވާ ކުރި ފައިސާއަކީ، ރިސޯޓްތަރައްޤީ ކުރުމަށް ސަރުކާރުން ދޫކުރި ރައްރަށާއި ފަޅުތަކުން ސަރުކާރަށް ލިބެންޖެހޭ ފައިސާ. މި ޚިޔާނާތުގައި ޔާމިންއާއި އެކު އެންމެ އިސްކޮށް ބައިވެރިވި އަޙުމަދު އަދީބު، ޝަރިޢަތުގައި ވަނީ ޔާމިން އާ ދެކޮޅަށް ހެކިބަސް ދީފައި. މި ދައުވާ ސާބިތުވެ ޢަބްދުﷲ ޔާމިންވަނީ 5 އަހަރަށް ޖަލަށް ލެވިފައި. ޔާމިންގެ މައްޗަށް ހިންގުން ޝަރިއަތްވެގެން ގޮސްފައިވަނީ، ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް މީޑިޔާ މެދުވެރިކޮށް ވަގުތުން ދުރަށް ފޮނުވުނު ޝަރިއަތަށް.

89. 2019 ޖުލައި – 1988 ގެ އުދުވާނީ ޙަމަލާ ރާވާ އިންތިޒާމްކުރި ކަމުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅުނު ހ. ހާޖަރާގެ ޢަބްދުﷲ ލުތުފީ، ލަންކާގައި ދިރިއުޅެނިކޮށް ހައްޔަރުކޮށްގެން މާލެ ގެނައުމުން، އެއަރޕޯޓް ޓަރމިނަލް އިން ބޭރަށް ނިކުންނަނީ. ލުތުފީ ރާއްޖެ އައުމުން އެންމެ ގިނަބަޔަކަށް ސިހުން ލިބުނީ ލުތުފީގެ ސިފައަށް އައިސްފާ ހުރި ބަދަލުން. ބައެއް މީހުން މިއީ ލުތުފީކަމަށް ގަބޫލެއްވެސް ނުކުރޭ.

90. 2018 އޮގަސްޓް – މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާދިން "ސިނަމާލެ" ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެބޮޑު ލޭޒަރޝޯ. ސިނަމާލެ ބްރިޖް ނިމުނީ މަސައްކަތްފެށިތާ 3 އަހަރާއި 11 މަހުން. މި ބްރިޖަކީ ލޯންއެގްރީމަންޓެއްގެ ދަށުން ޗައިނާގެ ކުންފުންޏަކުން ހެދި ބްރިޖެއް. މިއީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ސަބަބުން، ދިވެހިންގެ ޚާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭމީހުންގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލެއް ގެނައި ބިނާ.

91. 2018 މަރޗް – ކުރީގެ ރައީސް މުޙައްމަދު ނަޝީގެ މަންމާފުޅު، ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ، އޭރުގެ އިދިކޮޅު އެމް.ޑީ.ޕީ އިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން، ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިޝް މައުމޫން ދޫކޮށްލަން ގޮވާލާ ބޯޑެއް ހިފައިގެން. އޭރު ޚުދު ނަޝީދުވެސް ދިޔައީ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން.

92. 2019 ޖެނުއަރީ – ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ކަނޑުބޯޓެއްގައި ދަނިކޮށް އިންޑިޔާ ސިފައިން އަތުލައިގަތްކަން ހާމަކުރުމަށް އިންޑިޔާގެ މީޑިޔާތަކުން ބޭނުން ކުރި ފޮޓޯ. އަދީބު ފުރަތަމަ ހާމަކުރިގޮތުގައި ފިލަން ނިންމީ ރާއްޖޭގައި ރައްކާތެރި މާހައުލެއް އޮތްކަމަށް ގަބޫލު ނުކުރާތީ ކަމަށް.

93. 2019 ސެޕްޓެމްބަރ – މާލޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ހ.ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ އަނދަމުން ދަނީ. މިހާދިސާގައި 49 އަހަރުގެ އަންހެނަކު ނިޔާވެ 75 އާއިލާއަކަށް އެކިގޮތްގޮތުން އަސަރު ކުރި. މިހާދިސާއަށްފަހު ޚާއްސަ ސަމާލުކަމެއް ދީގެން ކެމިކަލް ގުދަންތައް މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކޮށް ނިންމާލި.

94. 2017 ނޮވެމްބަރ – މއ. ލޮނާޒިޝް ގޭގެ ދެވަނަ ފަންގިފިލާގައި ނިޔާވެފައި އޮއްވާ ފެނުން މީހަކު، އެމް. އެން. ޑީ. އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ އެހީތެރިކަމާއި އެކު ތިރިއަށް ގެންނަނީ.

95. 2018 ސެޕްޓެމްބަރ – މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އޭރުގެ އިދިކޮޅު ސަޕޯޓަރުންނާއި އެކު ބޭއްވި ހިނގާލުމެއްގެ ތެރެއިން ފުންމާލައްވަނީ. އެމް. ޑީ. ޕީގެ ހުރިހާ މެމްބަރުންނާއި އިސްވެރިންނާ އެއްގޮތަށް ރައީސް ޞާލިޙް ވެސް ފާހަގަ ވެގެން ގޮސްފައިވަނީ މަގުމަތީގެ ހަރަކާތްތަކަށް ފަރިތަ ބޭފުޅެއްގެ ގޮތުގައި.

96. 2015 ޖެނުއަރީ – 2014 އޮގަސްޓްގައި ގެއްލުނު ނޫސްވެރިޔާ ރިޟްވާންގެ މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން، ރިޟްވާނުގެ މަންމާ އާއި ބްލޮގަރ އަދި ރިޟްވާންގެ ގާތް އެކުވެރިޔާ ޔާމިން ރަޝީދު. ރިޟްވާން ގެއްލުނު ދުވަހުން ފެށިގެން ރިޟްވާން ހޯދުމަށާއި މި މައްސަލައިގެ ޝަރިޢަތް އަވަސް ކުރުމަށް، ސޯޝަލް މީޑިޔާގައި އެންމެ އަޑުގަދަ ކޮށް ގޮވި އަދި އެއްވުން ތަކުގެ އެންމެ ކުރީގައި ހުރި ޔާމިން ވަނީ 2017 އޭޕްރިލް 23 ގައި ވަރަށް އަނިޔާވެރި ގޮތަކަށް، އޭނާ ދިރިއުޅުން އެޕަރޓްމަންޓް ތިރީގައި މަރާލާފައި.

97. 2016 އޭޕްރިލް – އެމެރިކާގެ ރައިސް ބަރަކް އޮމާބާ އަދި އަނބިކަނބަލުން މިޝޭލް އޮބާމާ އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ޕްރިންސް ވިލިއަމްގެ ދެ ކަނބަލުންނާއި ބައްދަލު ކުރައްވަން، ވަޑައިގަތުމުން، ބާތުރޯބްގައި ހުރި ތުއްޕުޅު ޕްރިންސް ޖޯޖް އޮބާމާއާއި ބައްދަލު ކުރައްވަނީ.

98. 2018 ޖެނުއަރީ – އޮސްޓްރޭލިޔާގެ ވިޔަފާރިވެރިޔާ އަދި މިލިއަނަރ ޢަލީ ބަނާތު، އޭނާގެ ކެންސަރު ބައްޔާއި ބެހޭގޮތުން ވާހަކަ ދައްކަނީ. ޢަލީ ބަނާތަށް ކެންސަރު ޖެހުންކަން އެނގުނު އިރު ޑޮކްޓަރުން ލަފާކުރީ އޭނާ ދިރި ހުންނާނީ 7 މަސްވަންދެން ކަމަށް ނަމަވެސް، އޭނާ މިދުނިޔޭއާއި ޢަލްވަދާޢު ކީ އޭގެ 3 އަހަރު ފަހުން. ކެންސަރު ޖެހި ފުރާނަ ސަލާމަތްނުވާނެކަން އެނގުން ހިސާބުން، ކެންސަރު ބަލި ޖެހުމަކީ "ރަޙުމަތެއް" ކަމުގައި ބުނަމުން ޢަލީ ވަނީ އޭނާގެ ހުރިހާ ތަނަވަސް ކަމެއް ފަގީރުންނަށް ޞަދަގާތްކޮށްފައި.

99. 2016 ސެޕްޓެމްބަރ – ޕާކިސްތާނުގެ ސައިވިއްކާ ގާޑިޔަލެއްގައި މަސައްކަތްކުރަނިކޮށް ފޮޓޯގްރާފަރަކު ނަގާފައި، އޭގެ މަހެއްފަހުން މީސްމީޑިޔާގައި އާއްމު ކުރި އަރުޝަދު ޚާންގެ ފޮޓޯ. ރޭވެފައި އަލިވިލުން އިރު އޭނާވަނީ ގިނަބަޔަކަށް އެނގި މަޝްހޫރުވެފައި. މި ފޮޓޯގެ ސަބަބުން މޮޑެލްކުރުން އަދި ފިލްމް ކުޅުމުގެ އެތައް ފުރުސަތެއް އަރުޝަދަށް ލިބުނު.

100. 2018 މަރޗް – ކޮސޮވޯގެ ގާނޫނުހަދާ މަޖިލިސް ތެރެއަށް، އިދިކޮޅު މެމްބަރުން ކަރުނަ ގޭސް ޖަހާފައި. މިކަމުގެ ސަބަބެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނީ ސަރބިޔާ އާއި ގުޅުން ރަގަޅުކުރުމަށް ހެދިފައިވާ އެއްބަސްވުން ތަކާއި މެދު ބަހުސްކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދާތީ ކަމަށް.

(ނިމުނީ)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *