ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ރިސޯޓުގެ މަސައްކަތް ކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ރިސޯޓްސް އިން ކ. އަތޮޅުގައި ހިންގާ އޮޅުވެލި ބީޗް އެންޑް ސްޕާ 313,250ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮޅުވެލި ރިސޯޓު ބޮޑު ކުރުމާ ގުޅޭ ގޮތުން، ފާސްކޮށްފައިވާ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާއި ޓުއަރިޒަމް މިނިސްޓްރީން ބަލައިގެންފައިވާ ކޮންސެޕްޓާ ހިލާފަށް އެ ރިސޯޓުން ބައެއްގައި މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އޮޅުވެލި ރިސޯޓު ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަމަށް އީޕީއޭ އިން ބަޔާނުގައި ބުނެފައިވެއެވެ.
މި ރިސޯޓުގެ ޖޫރިމަނާ ފައިސާ 30 ދުވަސް ތެރޭގައި އީޕީއޭ އަށް ދައްކަންޖެހޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.
އެ ރިސޯޓު ބޮޑު ކުރުމަށް އީއައިއޭ ހެދި ނަމަވެސް އެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންތައްތަކާ ހިލާފަށް މޫދު ކޮޓަރިތަކެއް ވަނީ ހަދައިފަ އެވެ. އީއައިއޭ ރިޕޯޓު ހެދި ޕްރޮޖެކްޓަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އީޕީއޭ އަށް އަންގައި އަލުން އީއައިއޭ ހަދަން ޖެހޭނެ އެވެ.