ހަށިގަނޑު ހެދި ބޮޑުވުމަށް ކާނާއާއި އެއްވަރަށް ނިދިވެސް ބޭނުންވެއެވެ. އިންސާނާއަށް ރަނގަޅަށް ނުނިދުމުން ރުޅިގަދަވެ، ދުވާލުގެ ވަގުތުތަކުގައި އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރުމަށް ހުރަސް އެޅެއެވެ. މީގެ އިތުރުން ނިދި ނުލިބުމަކީ އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަން އެނގެނީ ކޮންބަޔަކަށް ހެއްޔެވެ؟
ނިދި ބޭނުންވަނީ ކިހާވަރަކަށް؟
ގިނަ މީހުންނަކީ 8 ގަޑިއިރުގެ ނިދި ބޭނުންވާ މީހުންނެވެ. ނިދި ބޭނުންވާ މިންވަރަށް ނުލިބިއްޖެނަމަ، ދުވާލު ގަޑީގައި ވަރުބަލިވެ، ކޮންމެވެސް ވަރަށް ނިދާލަން ބޭނުންވާނެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ހަމަ ނިދި ނުލިބުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެކެވެ. އަދި ލޭގެ ޕްރެޝަރ އިތުރު ކޮށްދީ، ހަކުރު ބަލި ޖެހުމަށްވެސް މަގުފަހި ކުރުވައެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމަކީވެސް ނިދި މަދުވުމުން ދިމާވެދާނެ ސިއްހީ މައްސަލައެކެވެ. ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި، ނިދި މަދުވުމަކީ ދުވާލުގެ ވަގުތު ތަކުގައި ރަނގަޅަށް ވިސްނައި ކަންކަމަށް ސަމާލުކަން ދިނުމަށްވެސް އުނދަގޫވާ ކަމެކެވެ.
ރަނގަޅަށް ނިދުމުން ލިބެނީ ކޮން ފައިދާއެއް؟
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ރޭގަނޑުގެ ވަގުތު ތަކުގައި ރަނގަޅަށް ނިދުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ ކަމެކެވެ. ރަނގަޅަށް ނިދުމަކީ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. އަދި ދަރިމައިވުމުގެ ފުރުސަތު އިތުރު ކޮށްދީ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގައިވެސް ރަނގަޅު ނިންޖަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ނިދުމަށް އެންމެ ރަނގަޅީ ރޭގަނޑުގެ ވަގުތެވެ.