އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރުމުގެ ތުހުމަތުގައި ފުލުހަށް ހާޒިރު ކުރި އުފާ ޔޫޓިއުބް މެދުވެރިކޮށް ދީނަށް ފުރައްސާރަ ކުރަން ފަށައިފިއެވެ.
މިހާތަނަށް ޖުމްލަ ތިން ވީޑިއޯއެއް ޔޫޓިއުބުގައި އޭނާ ޕޯސްޓުކޮށްފައިވާއިރު، ފުރަތަމަ ވީޑިއޯގައި އޭނާ ވާހަކަ ދައްކާފައިވަނީ ޖިންސީ ތަފާތުކުރުން ރާއްޖޭގައި އޮންނަ ކަމަށް ބުނެއެވެ.
އޭނާ ބުނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އިސްލާމް ދީން ގަބޫލު ނުކުރާ މީހުން ކަމަށާއި، ދީން ގަބޫލު ނުކުރާ މީހުން އެކަން ސިއްރު ކޮށްގެން ތިބެނީ ރާއްޖޭގައި އެހެން ދީނަކަށް އުޅުމަކީ މަނާކަމަކަށް ވާތީ އެވެ. ރާއްޖޭގައި ގިނަ މީހުން ނަމާދުވެސް ގިނަ ފަހަރު ނުކުރާ ކަމަށާއި ހުކުރަށްވެސް ދާނީ މަދު ފަހަރަކު ކަމަށް އޭނާ ޕޯސްޓުކޮށްފައިވާ ފުރަތަމަ ވީޑިއޯގައި ބުނެފައިވެއެވެ.
ދެވަނަ ވީޑިއޯގައި އޭނާ ވާހަކަ ދައްކަވަނީ ރާއްޖޭގެ ދީނާ ގުޅޭ ގޮތުންނެވެ. އޭނާ ބުނެފަައިވަނީ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީން ނޫން އެހެން ދީނެއް ގަބޫލުކުރުމަކީ މަނާ ކަމެއް ކަމަށާއި އިސްލާމް ދީނަށް އުޅުމަކީ ދިވެހި ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުން އިންޒާރު ދޭ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގައި މީހުން މަރާ މީހުންނާއި ރޭޕްކުރާ މީހުންތިބި ނަމަވެސް އިންޒާރު ލިބެނީ ހަމައެކަނި އިސްލާމް ދީނާ ދެކޮޅަށް އަޑުއުފުލާ މީހުންނަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. ސްކޫލުތަކުގައިވެސް ކިޔަވައިދެނީ އިސްލާމް ދީނުގެ އަސްލު ހަމަތަކަށް ފުށޫ އަރާ ގޮތަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ވަކި އުމުރަކަށް ދިއުމުން އިންޓަނެޓު މެދުވެރިކޮށް ދީނާ ބެހޭ މައުލުމާތު ހޯދާއިރު ލިބެން ހުންނަށް މައުލުމާތާއި ކިޔަވައިދީފައި ހުރި މައުލޫމާތުތަކުގައި ފުށޫ އެރުންތަކެއް ހުންނާތީ ގިނަ ފަހަރު އިސްލާމް ދީން ދޫކުރަން އެ ކުދިން ބޭނުންވާ ކަމަށްވެސް މި ވީޑިއޯތަކުގައި އޭނާ ބުނެފައިވެއެވެ.
ތިން ވަނަ ވީޑިއޯގައި އޭނާ ވާހަކަ ދައްކާފައިވަނީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އިސްލާމް ދީނާގުޅުވާ ކަމަށް ބުނެއެވެ. އެގޮތުން ސްކޫލުގައި އިސްލާން ދީން ކިޔަވައިދޭ އިރު ދަސްކޮށްދޭ ގޮތުގައި ބޮޑެތި ގުދުރަތީ ކާރިސާތައް ހިނގަނީ ފާފަތައް ގިނަވެގެން ކަމަށް ބުނެފައިވެއެވެ.
އުފާ މުހުތާރު ފަހުމީ ފުލުހަށް ހާޒިރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރުވެސް އޭނާ ދިޔައީ މީސްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތައް ދައްކަމުންނެވެ. އަދި އޭނާ ފުލުހަށް ހާޒިރު ކުރީވެސް އެފަދަ މައްސަލައެއްގައެވެ.