އީރާނުން ޔޫކްރޭނުގެ ފްލައިޓު ވައްޓައިލިކަމަށް އެއްބަސްވުމުން އެ ގައުމުގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ނުކުމެ އެގައުމުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަން ފަށައިފިއެވެ.
ޔޫކްރޭނުގެ ފްލައިޓު ވެއްޓުނު ހާދިސާގައި އީރާނުން ފުރަތަމަ ބުނީ އެއީ އެ ގައުމުން ދިން ހަމަލާ އެއް ނޫން ކަމަށެވެ. ނަމަވެސް އެގައުމުގެ ރައީސް ވަނީ އެއީ އޮޅުމަކުން ދެވުނު ހަމަލާ އެއްކަމަށް އެއްބަސްވެފައެވެ.
މުޒާހަރާ ކުރަމުން އަންނަ ދަރިވަރުން ގޮވަމުން ދަނީ ދޮގު ހަދާ މީހުންގެ މެރުމަށާއި، އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުއްލާ ޙަމެނީގެ އިސްތިއުފާއަށެވެ.
އީރާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލައިފައެެވެ.
އީރާނުން ދިން ހަމަލާގައި ވެއްޓިފައިވަނީ ޔޫކްރޭނުގެ ބޮއިން 737 މަރުކާގެ ބޯޓެކެވެ. ޔޫކްރެއިން އިން މައުލޫމާތުދޭ ގޮތުގައި އެ ބޯޓަށް އަދި ވާނީ ތިން އަހަރެވެ. އަދި އެ ބޯޓަކީ ގަވައިދުން މެއިންޓެއިންކުރާ ބޯޓެއް ކަމަށާއި، އެ ބޯޓު ދުއްވަންތިބީ ތަޖުރިބާކާރު ޕައިލެޓުން ކަމަށްވެސް ޔޫކްރެއިނުގެ ސަރުކާރުން ބުނެއެވެ. އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި 176 މީހުން ވަނީ މަރުވެފައެވެ.