ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން ދޫނުކުރަނީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ބުނެފި އެވެ.
މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޮންމެ އިންތިހާބަކާ ކުރިމަތިވުމުން ރައީސް ޔާމީން ޖަލުގައި ބަަހަށްޓަން މިސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.
"މި ވެރިކަން އައި ފަހުން ކުރިމަތިވި ދެ އިންތިހާބުގައިވެސް މި ސަރުކާރުން ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަން ބޭނުންވި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ރައީސް ޔާމީން ހައްޔަރު ކުރީ. މިއަދު މި އުޅެނީ ލޯކަލް ކައުންސިލް އިންްތިހާބު ބޯމަތިވެފައި އޮތީމަ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ތާވަލުނުކޮށްގެން މި އުޅެނީވެސް ކަފާލާތުގެ ނުލިބިގެން މި އުޅެނީވެސް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މަހުގެ 30 ވަނަ ދުވަހު އެ މައްސަލަ އިސްތިއުނާފު ކުރަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނަމަވެސް އެ އިސްތިއުފާނު ބަލައިގެންފައިވާކަން ހައިކޯޓުން ހާމަ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލަ އިސްތިއުނާފުކުރި އިރު، އިސްތިއުނާފު މައްސަަލަ ނިމެންދެން ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދިފައިވެއެވެ.