އިރާންގެ ވެރިރަށް ތެހްރާނުން ފުރައިގެން ޔޫކްރޭނަށް ދަތުރުކުރަމުންދިޔަ، ޔޫކްރޭން ފްލައިޓް ވެއްޓުނީ އޮޅުމަކުން ދެވުނު ހަމަލާއެއްގައި ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ބުނީ، ޔޫކްރޭން ފްލައިޓް ވެއްޓުނީ އީރާނަށް އޮޅިގެން ދެވުނު ހަމަލާއެއްގައި ކަމަށާއި، އެކަމާއި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާއަށް އޮޅިގެން ދެވުނު ހަމަލާގައި ބޯޓު ވެއްޓިފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އީރާންގެ އެންމެ އިސް ކޮމާންޑަރު ޤާސިމް ސުލައިމާނީ ވަނީ މަރާލާފައެވެ. އޭގެ ބަދަލެއްގެ ގޮތުގައި އީރާނުން ވަނީ އިރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިސައިލް ހަމަލާތަކެއްވެސް ދީފައެވެ. މި ހަމަލާތަށް އިރާނުން ދީފައިވަނީ ޔޫކްރެއިންގެ ބޯޓު ވެއްޓުމުގެ ގަޑިއިރެއްހާއިރު ކުރިންނެވެ.
އެ ބޯޓު ވައްޓާލީ އީރާނުގެ ހަމަލާއަކުން ކަމަށް އެމެރިކާއިންވެސް ކުރިން ތުހުމަތު ކުރިއެވެ. ނަމަވެސް އެކަން އީރާނުން އޭރު ވަނީ ދޮގުކޮށްފައެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުންވެސް ފެންނަގޮތުގައި، އެ ބޯޓު ދަތުރުކުރަމުން ދަނިކޮށް މިސައިލެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް އެ ބޯޓާ ދިމާލައްދާ މަންޒަރު ފެނެއެވެ.
ވެއްޓިފައިވަނީ ޔޫކްރޭނުގެ ބޮއިން 737 މަރުކާގެ ބޯޓެކެވެ. ޔޫކްރެއިން އިން މައުލޫމާތުދޭ ގޮތުގައި އެ ބޯޓަށް އަދި ވާނީ ތިން އަހަރެވެ. އަދި އެ ބޯޓަކީ ގަވައިދުން މެއިންޓެއިންކުރާ ބޯޓެއް ކަމަށާއި، އެ ބޯޓު ދުއްވަންތިބީ ތަޖުރިބާކާރު ޕައިލެޓުން ކަމަށްވެސް ޔޫކްރެއިނުގެ ސަރުކާރުން ބުނެއެވެ. އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި 176 މީހުން ވަނީ މަރުވެފައެވެ.