ނިޔަފަތީގައި ޖައްސާ ކުލައާއި ޕޮލިޝްއަކީ އަޅުގަނޑުމެންގެ ދީނާއި ބީރައްޓެހިތަކެއްޗެވެ. 5 ވަގުތު ނަމާދަށް އަރާ އަންހެނަކަށް ނިޔަފަތީގައި ކުލަޖައްސައިގެން އުޅުންވާނީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ. އެއަށްވުރެ މުހިއްމު ކަމަކީ، މަރު އައިސް ބައްދަލުކުރާނެ ވަގުތެއް އަހަރެމެނަށް ނޭނގޭހިނދު ނިޔަފަތީގައި، ކުލަޖައްސާފައި ވަނިކޮށް މަރުވެއްޖެމީހާގެ ނިޔަފަތިން އެ ކުލަ ފިލުވުން އެއީ ނާދިރުކަމެއްކަން މިހާރު އެންގެމުންދާތީ، އެކަން ނުކުރުމުގެ ޢަޒުމްގިނަ އަންހެނުންގެ ހުރެއެވެ. ނަމަވެސް މަޑުރީތި އަތްތިލައަކާއި، އޮފްއަރާ އޮމާން ނިޔަފައްޗަކީ އަންހެންވަންތަކަށް ރަމްޒުކޮށްދޭ ކަމެއްކަމަށް ގިނަ މުޖުތަމަޢްތަކުގައި އޮންނަނީ ބަލައިގެނެވިފައެވެ. އެހެންކަމުން ގުދުރަތީ ގޮތުން މިކަން ހާސިލް ކުރެވޭނެ ގޮތްތަކަށް ބަލައިލަމާ ހިނގާށެވެ.

ތާފަނާ ފެނުން ނިޔަފަތި ފޯކޮށްލުން:

އޮމާން ރީތި ނިޔަފަތި ތަކެއް ހޯދުމަށް، ގަވާއިދުން ތާފަނާފެނުގައި ނިޔަފަތި ފޯކޮށްލަން އިރުކޮޅަކު ބަހައްޓާށެވެ. ތާފަނާ ފެނުން ނިޔަފަތީގެ އޮމާންކަން އައިސް، ކުރިން ކުލަ ޖައްސާފައި ހުރިނަމަވެސް އޭގެ ލައްވެސް ފިލާނެއެވެ. ފޯކޮށްލުމަށް ފަހު، އެންމެ ރަގަޅު ނަތީޖާއެއް ހޯދުމަށް، ޤުދުރަތީ ސައިބޯންޏެއް އަދި ނިޔަފަތި އުނގުޅާ ބުރުހެއް ބޭނުންކޮށްގެން ރީތިކޮށް ނިޔަފަތި އުނގުޅާލާށެވެ.

ނިޔަފަތީގައި ލުނބޯ އުނގުޅުން:

އާއްމުކޮށް ނިޔަފަތީގައި ކުލަޖައްސާ ނަމަ ނިޔަފަތީގައި މަޑު ރީނދޫކުލައެއް ހުންނާނެއެވެ. މި ރީނދޫކުލަ ކަނޑުވާލުމަށާއި އޮފްކަން ގެނައުމަށް ލުނބޯ ހުތްކިބައެއް ނިޔަފަތީގައި އުނގުޅާށެވެ. އެއަށް ވުރެވެސް ފުރިހަމަ ކޮށްލުމަށް، ބޭކިންސޮޑާ ސަމުލަސެއްގެ ތެރެއަށް އެއް ސަމުސާ ޒައިތޫނިތެޔޮ އަދި އެއް ސަމުސާ ލުނބޯހުތް އަޅައިގެން ތަތްކޮށް ގަށާލުމަށްފަހު ނިޔަފަތީގައި އުނގުޅާށެވެ. 20 މިނިޓް ބެހެއްޓުމަށްފަހު އާދައިގެ ފެނުން ދޮވެލުމުން، ނިޔަފަތި އޮފް ވެފައި، ވަރުގަދަވެފައި ސިއްހަތު ރަގަޅުވާނެއެވެ.

ނިޔަރޮދީގައި އުނގުޅާ ތެޔޮ އުނގުޅުން:

މިއީ ގިނަ އަންހެނުންނަށް ހަނދާންނެތިކޮށްލެވޭ އެއްޗެކެވެ. މިހެންވަނީ މި ތެލުގެ ފައިދާ ރަގަޅަށް ނޭގޭތީއެވެ. ނިޔަފަތި ހިކި، ވިދުން ކެނޑި ރޮނގުތަކެއްހެން ހުންނަނީ ނިޔަރޮއްޖަށް ލިބެންޖެހޭ ކާނާ އެންމެ ފުރިހަމަ ގޮތުގައި ނުލިބޭތީއެވެ. މިކަމަށް އެންމެ ފަސޭހަ ގޮތަކީ، މިކަމަށް ޚާއްސަކޮށްފައި ހުންނަތެލެއް ބޭނުން ކުރުމެވެ.

ނިޔަފަތި އޮމާން ކުރާ "ބަފަރ" އެއް ބޭނުން ކުރުން:

ނެއިލް ބަފަރ އަކީ އަތްދަބަހުގައި އަބަދުމެ ބާއްވާ އެއްޗަކަށް ހަދާށެވެ. މިއިން ނިޔަފަތި އޮމާންކޮށްލުމުން އިރު ކޮޅެއްގެ ތެރޭގައި އެ ފެންނަ އޮމާންކަން ފެނުމުން، ދެން ކިރިޔާ ހުސްވަގުތެއް ލިބުނަސް، ބޭ އިޚްތިޔާރުގައި ވެސް އެ ބޭނުން ކުރެވޭނެއެވެ.

ފައިދާހުރި ކާނާ ކެއުން:

ނިޔަފައްޗަށް ރަގަޅު ކާނާގެ ލިސްޓްގެ އެންމެ ފުރަތަމައަށް އަންނާނީ، އާމަންޑެވެ. އާމަންޑްގައި ޕްރޮޓީންގެ އިތުރުން ނިޔަފަތި ރީތިކޮށް ބެހެއްޓުމަށް އެންމެ މުހިއްމު ދައުރެއް އަދާ ކުރާ މެގްނީޒިއަމް ގިނަ އަދަދަކަށް ހިމެނެއެވެ. ބައެއް ފަހަރު ނިޔަފަތީގެ ދިގަށް ރޮނގުހުންނަހެން ފާހަގަވެފައި އެބަހުރިހެއްޔެވެ؟ އެއީ މެގްނީޒިއަމް މަދުވުމުގެ އަލާމާތެކެވެ. އާމަންޑްގައި ހިމެނޭ އޮމެގާ 3 އަކީ ނިޔަފަތި މަރުވުމުން ސަލާމަތްކޮށްދޭ އެއްޗެކެވެ. ކާގަޑިތަކުގެ ދޭތެރެއިން ކާލާ އެއްޗަކަށް އާމަންޑްހަދާށެވެ. ކުކުޅު ބިހަކީވެސް އޭގައި، ނިޔަފަތީގެ ސިއްހަތަށް ރަގަޅު، ޕްރޮޓިން، ވިޓަމިން-ޑީ، ދަގަނޑު، ޒިންކް، ކޮޕަރ ގެ އިތުރުން ބައޮޓިން ވެސް ހިމެނޭ އެއްޗެކެވެ. ބިހުގެ ސަބަބުން ލިބޭ އެންމެ ބޮޑުފައިދާއަކީ، ނިޔަފަތީގެ ހަލާކުވެ ބައިބައި، ނުވަތަ ކުދިކުދި އެތިކޮޅުން ނެއްޓުމުން، ރައްކާތެރިކަން ލިބުމެވެ. އެހެންކަމުން ދުވަހުގެ ކޮންމެވެސް އެއް ކެއުމެއްގެ ތެރެއަށް ބިސް ހިމަނާށެވެ. އަޅުގަނޑުމެން އާއްމުކޮށް ކެއުމަށް ބޭނުން ނުކުރިނަމަވެސް، ސާމަން މަހަކީ، މޫދުމަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ފައިދާހުރި މަހަށް ވެފައި، މިއީ ނިޔަފައްޗަށް ވަރަށް ރަގަޅު އެއްޗެކެވެ. ބޮޑު ރެސްޓޯރެންޓެއް ނުވަތަ ރިސޯޓަކުން ވިޔަސް ސާމަން ލިބެން ހުރެއްޖެނަމަ، އާދަ އަކަށް ހަދައިގެން ކާންފަށަންވީއެވެ. މީގެ ސަބަބުން ނިޔަފަތިވަރުގަދަކޮށް ނިޔަފަތީގެ އިންފެކްޝަންޖެހުމުން ދުރުކޮށްދޭނެއެވެ. ސާމަންގައި ހިމެނޭ ވިޓަމިން ބީ-12 އަކީ، ނިޔަފަތި ހިކި އަދި ނިޔަފަތީގެ ކުލަ ގެއްލުމުން ސަލާމަތްކޮށްދޭ މައްދާއެކެވެ. ނިޔަފަތީގެ ސިއްހަތަށް ދެން އެންމެ ރަގަޅު އެއްޗަކީ، ސަންފްލާވަރ އޮށާއި އޯޓްސްއެވެ. މި ދެ ބާވަތަކީވެސް ފަސޭހައިން ކެއުމުގެ ތެރެއަށް ވައްދާލެވިދާނެ ދެ އެއްޗެކެވެ.

ބޭނުންވަނީ، ގުދުރަތީ ރީތި އޮމާން ނިޔަފަތިތަކެއް ހޯދުމަށް ކަނޑައަޅާ ވަރުގަދަ ޢަޒުމެކެވެ. ދެން ހުރި ކަންކަމަކީ، ވަރަށް ޚަރަދު ކުޑަކޮށް ކުރެވޭ، އަދި ގިނަ ތަކެއްޗަކީ ބަދިގެއިން ލިބެން ހުންނަ އެއްޗެއްސެވެ. ވީމާ ކުރިއަށް އޮތް މަހެއްހާ ދުވަހު، މަތީގައި ބުނެވިފައިވާ ކޮންމެވެސް އެއްބާވަތެއް ކޮންމެދުވަހަކުވެސް ކެވޭތޯ މަސައްކަތް ކުރައްވާށެވެ. އަދި ކުރަން ހުރި ކަންކަންވެސް އާއްމު ދިރިއުޅުމުގެ ތެރެއަށް ލައިގެން ކުރިއަށް ދަމާހިނގާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *