ގައުމު ކުރިއަރައި، ތަރައްގީވެގެން ދާނީ އަނެކާގެ ހައްގު ދަނެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
"ރަން އަހަރު"ގެ ނަމުގައި ޔޫތު މިނިސްޓްރީން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހިނގާ ކަންތައްތަކާ މެދު ޒުވާނުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އަދުގެ ޒުވާނުންނަކީ އޯގާތެރި ބަޔަކަށް ވާން ޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
"ޒުވާނަކަށްވީތީ، އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް ބަލަންވީ އެކަކު އަނެކަކަށް އޯގާތެރިވުމަށްޓަކައި. އެކަކު އަނެކަކަށް އަޅާލައި، މުއާމަލާތްކުރުމުގައި ރީތި ގޮތްތައް ގެންގުޅޭ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އަޅުގަނޑުމެންގެ ގައުމު ކުރިއަރައިގެން، ތަރައްގީވެގެން ތަހުޒީބު ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެމިތިބެވޭނީ އަނެކާގެ ހައްގު އަޅުގަނޑުމެން ދަނެގެން، އަނެކާގެ ކަންތައްތަކަށް އަޅުގަނޑުމެން އިސްކަން ދިން މިންވަރަކުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ އެންމެންނަށް ވެސް ރައްކާތެރި މަގުތަކެއް ހޯދައިދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި އެގޮތުން ސިއްހަތަށް ގެއްލުން ހުރި ކަންތައްތަކާ ދުރަށް ދިއުމަށް ވިސްނަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.