ބ.އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަހުމަދު އިން ޑިންގީގެ ބައެއް ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ވިދާޅުވީ ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުން ޑައިވް ކުރަމުންދާ ސަރަހައްދުން އޭނާ އިން ޑިންގީގެ ބައެއް ފެނިފައިވާ ކަމަށާއި، އެ ޑިންގީގެ އިންޖީނުގެ މަތިގަނޑުވެސް ފެނިފައިވާ ކަމަށެވެ.
ޑިންގީ ފެނިފައިވަނީ ދޮންފަނާއި، ހަނިފަރާ ދެމެދު ކަނޑުގެ 40 މީޓަރު އަޑިން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ނަސްރުﷲ ހޯދުމުގައި އުނދަގޫތަކެއް ވަމުން ދަނީ، އޭނާ ގެއްލުނު ސީދާ ސަރަހައްދު ނޭނގޭތީ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.