ފާގައަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވަރަށް ފަސޭހައިން ހެދޭ ތަރުކާރީގެ ބާވަތެކެވެ. ފާގައިން މަޑު ފޮނި ރަހައެއްދޭއިރު، ގައިގެ ތަފާތު ވައްތަރުތައް ހުރެއެވެ. އަދި އެކި ސައިޒުގެ ފާގަވެސް ހުރެއެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފާގައަކީ ހަށިގަނޑަށް ފައިދާހުރި އަދި ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ހިމެނުން މުހިންމު މޭވާއެކެވެ.
ފާގައިން ލިބޭ ބައެއް ސިއްހީ ފައިދާތައް
ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
ފާގައިގައި ގިނަ އަދަދަކަށް "ޕޮލީޕެޕްޓައިޑް ޕީ" ހުރެއެވެ. މިއީ ގަސްގަހާ ގެހިން އުފައްދާ "އިންސިއުލިން"ގެ ބާވަތެކެވެ. މިއީ ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. ފާގައިގައި ހަކުރު ދަށްކޮށްދޭ މާއްދާއެއްކަމުގައި ސައިންސްވެރިންނާއި ޑޮކްޓަރުން ކަނޑައަޅުއްވާފައިވާ މާއްދާއެއްކަމުގައިވާ "ޗެރެންޓިން"ވެސް އެކުލެވިގެންވެއެވެ.
ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
ފާގައިގައި ބާރުގަދަ އެންޓި އޮކްސިޑެންޓްގެ ގޮތުގައި ގުނާލެވޭ ގިނަ މާއްދާތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ވިޓަމިން އޭ، ވިޓަމިން ސީ ، އަލްފާ ކެރޮޓީން، އަދި ބީޓާ ކެރޮޓީން ފާގައިގައި ހުތެއެވެ.. މީގެ އިތުރުން "ލޫޓީން"(Lutein)، އަދި، "ޒިއެޒެންތިން"(Zeaxanthin)، ހުރެއެވެ. މިމާއްދާތަކުގެ ސަބަބުން ކެންސަރު ޖެހުމަށް މެދުވެރިވާ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށް ދެއެވެ.
ހަކަތަ ލިބުން
ފާގައަކީ ގިނަ އަދަަކަށް ހަށިގަނޑަށް ހަކަތަ ލިބޭ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ފާގައިގެ މިންވަރެއް ހިމަނާލުމުން ހަށިގަނޑުގައި ވަރުޖެހި ކަންނެތްކަން ހަށިގަނޑުން ފިލުވާލަދެއެވެ.
އިސްވެދިޔަ ބައެއް ކަންކަމުގެ އިތުރުން ފުރަގަސްފަރާތު ބައްޔާއި، މައިގްރޭން އާއި، ވައިރަލް ހުން ފަދަ ބަލިތަކަށްވެސް ފާގަ ބޭނުންކޮށްގެން ފަރުވާކުރެވިދާނެއެވެ.