ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ކޮމްބެޓް ސްޕޯޓްސް ޓޯނަމެންޓް އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.
ޝާކްސް މާޝަލް އާރޓްސް އެކެޑެމީއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ދާނީ އެއް ދުވަހުގެ ނިޔަލަށެވެ.
ހުޅުމާލޭ ޔޫތު ސެންޓަރގައި މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މި މުބާރާތުގައި އެކި ވެއިޓް ޑިވިޝަންތައް އެކުލެވިގެންވެއެވެ. އެގޮތުން ހިމެނޭ ވެއިޓް ޑިވިޝަން ތަކަކީ:
- 60 ކިލޯއިން ދަށް
- 68-62 ކިލޯ
- 74-69 ކިލޯ
- 75 ކިލޯއިން މަތި
ޝާކްސް އެކެޑެމީން ހާމަކުރާ ގޮތުގައި އެ މުބާރާތަކީ އެމްއެމްއޭ ކޮމްބެޓް ސްޕޯޓްސް ބިގިނަރ ލެވެލްގެ މުބާރާތެކެވެ. މި މުބާރާތުގެ އަމާޒަކީ ރާއްޖޭގައި، "މާޝަލް އަރޓްސް" ކުރިއަރުވައި އެކުޅިވަރު ގިނަ ބަޔަކަށް އުގައްނައިދީ އެއަށް ގިނަ ބަޔަކު ލޯބި ޖެއްސުމެވެ.
މި މުބާރާތަކީ، ޝާކްސް މާޝަލް އާރޓްސް އެކެޑެމީ އާއި، ކޫޑޯ މޯލްޑިވްސް އާއި، ޓެކްވޮންޑޯ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ސޮޓޮކަން ރިޔޫ ކަރަންޓޭ ޑޯ އެސޯސީއޭޝަން ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މީގެ އިތުރުން މި މުބާރާތް ކުރިއަށް ދާނީ ވަރަށް "ޕްރޮފެޝަނަލް"ކޮށް ކަމަށާއި، ސިއްހީ ގޮތުން ވާން ޖެހޭ ހުރިހާ ތައްޔާރީތަކާއި އެކުގައި ކަމަށްވެސް ޝާކްސް އެކެޑެމީއިން ފާހަގަކުރެވެ.