އިންޑިއާއާއިމެދު ނަފްރަތު އުފައްދަން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެކަމަށް ސޯޝަލް މީޑިއާގައި ބުނަން ފަށައިފިއެވެ.
ގިނަ އަދަދެއްގެ ބަޔަކު މި ތުހުމަތު އިމްރާން ޚާނަށް ކުރަން ފެށީ، ބަންގްލަދޭޝްގައި 2013 ވަނަ އަހަރު ހިނގި ހަމަނުޖެހުމެއްގެ ވީޑިއޯއެއް ޓްވީޓްކުރައްވައި، އެއީ މިހާރު އިންޑިއާގެ އުއްތަރަޕްރަދޭޝްގައި މުސްލިމުންނަށް އިންޑިއާ ފުލުހުން ދިން އަނިޔާތަކެއްކަމަށް ދެއްކުމަށް އިމްރާން ޚާން މަސައްކަތްކުރެއްވުމާއި ގުޅިގެންނެވެ. އިމްރާން ޚާންގެ ޓްވީޓާއިއެކު، އެއީ އުއްތަރަޕްރަދޭޝްގެ ވީޑިއޯއެއް ނޫންކަމަށް ގިނަ ބަޔަކު ބުނަން ފެށިއެވެ. އަދި އެއީ ބަންގްލަދޭޝްގެ ރެޕިޑް އެކްޝަން ބެޓޭލިއަންގެ ޔުނިފޯމްކަން ހާމަކޮށް، އިމްރާން ޓްވީޓް ކުރައްވަނީ ތަންދޮރު ނުބައްލަވާތޯ ގިނަ ބަޔަކު ސުވާލުކުރަން ފެށިއެވެ. އެއާއިއެކު އިމްރާން ވަނީ ޓްވީޓް ޑިލީޓް ކުރައްވާފައެވެ.
އެހެންނަމަވެސް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި 2017 ވަނަ އަހަރު އދެ ޖެނެރަލް އެސެމްބްލީގައިވެސް ޕާކިސްތާނުން އެޒާތުގެ ކަމެއް ކުރިކަން ފާހަގަކޮށް، އެފަދަ ކަންކަން ޕާކިސްތާނުން ތަކުރާރު ކުރާކަން އިންޑިއާއިން ފާހަގަކުރިއެވެ. އދގެ އާއްމު މަޖިލީހުގައި ޕާކިސްތާނުން ވަނީ އިޒްރޭލުގެ ހަމަލާއެއްގައި 2014 ވަނަ އަހަރު ޝަހީދުވި ފަލަސްތީނުގެ އަންހެން ކުއްޖެއްގެ ފޮޓޯއެއް ދައްކައި، އެއީ ކަޝްމީރުގައި އިންޑިއާއިން ދިން ހަމަލާއެއްގައި މަރުވި ކުއްޖެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް ފޮޓޯ ނެގި ފޮޓޯގްރާފަރ ވަނީ އެކަން ދޮގުކޮށް، ކަމުގެ ހަގީގަތް ކިޔައިދީފައެވެ.