ބ.އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން މާލެ ގެނެސްފައިވާ ލޯންޗް ކައްޕީގެ ހާލު ރަނގަޅު ކަމަށް އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަ އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަނިޔާވެގެން މާލެ ގެނެވުނު މީހާގެ ހާލު ރަނގަޅު ކަމަށެވެ.
އަ އޭނާ މިހާރު ހޮސްޕިޓަލުގައި އެޑުމިޓްކުރެވިފައި އޮތީ މޫނުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައި ވުމުން އެތަނުގެ ސާޖަރީއެއް ހެދުމަށް ކަމަށެވެ. އަދި ސާޖަރީ ނިމުމުން އޭނާ ދޫކޮށްލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އޭނާގެ މޫނުގެ ކަށިގަނޑެއް ބިންދައިގެންގޮސް ލޯ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އެންމެ ފުރަތަމަ އޭނާ އަށް ފަރުވާ ދީފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލުގައެވެ. އެނާ މާލެ ގެނެސްފައި ވަނީ މިދިޔަ ހުކުރު ދުވަހު، މޫނުގެ ސާޖަރީއެއް ހެދުމަށެވެ.
ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައި ވަނީ އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ އެވެ.