ސަތާރަ މިލިއަން މީހުންގެ އަބާދީއެއް އޮންނަ ނެދަރލެންޑްގައި 23 މިލިއަން ބައިސްކަލު ގެންގުޅެއެވެ. މިއީ އާބާދީއަށް ވުރެ ގިނަ އަދަދެކެވެ. މި އަދަދު އަދިވެސް އިތުރުކުރުމަށް، ބައިސްކަލްގައި ދަތުރު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބައިސްކަލުދުއްވާ މީހުނަށް ފައިސާގެ އެހީދޭން،އެ ގަމުގެ ސަރުކާރުން ފައްޓައިފިއެވެ.

ސަރުކާރުން ހާމަކުރިގޮތުގައި، އިތުރު ދެ ލައްކަ މީހުން ބައިސްކަލްގައި އުޅެން މަގު ފަހި ކުރުމުގެ ގޮތުން، އެކަމަށް ބޭނުންވާ އުމްރާނީ ތަރައްގީއަށް 390 މިލިއަން ޑޮލަރު، ކުރިއަށް އޮތް 3 އަހަރު ތެރޭގައި ޚަރަދު ކުރުމަށްވަނީ ނިންމާފައެވެ. މީގެ ތެރޭގައި ބައިސްކަލަށް ޚާއްސަ 15 މަގާއި، 25 ހާސް ބައިސްކަލަށްވާ ޕާރކިން އޭރިޔާއާއި ބައިސްކަލް ގުދަންކުރާ 60 ތަނެއް ހެދުމަށް ހުށައަޅާފައި ވެއެވެ. މިކަން ހިންގާ ވުޒާރާގެ އިސްފަރާތުން ހާމަކުރި ގޮތުގައި، އެފަރާތުގެ އަމާޒަކީ، ފަސޭހައިން ވަޒީފާއާއި ސްކޫލްތަކަށް ގޮސް އާއިލާގެ މީހުނާއި ބައްދަލުވެއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މީގެ ކުރިންވެސް ނެދަރލެންޑް މީހުންނަކީ، ބައިސްކަލްގައި އުޅެމުން އައި ބައެކެވެ. 2016 ގައި ނެދަރލެންޑްގައި ކުރެވުނު ދަތުރުގެ 4 ބައި ކުޅަ އެއްބަޔަކީ ބައިސްކަލުގައި ކުރެވުނު ދަތުރު ތަކެވެ. ނަމަވެސް މީގެ ތެރެއިން ވަޒީފާއަށް ދިއުމަށް ދަތުރުކުރި މީހުންގެ ނިސްބަތަކީ އެންމެ 25 އިންސައްތައެވެ. ހިތްހަމަ ޖައްސާލުމަށް ބައިސްކަލު ދުއްވި ނިސްބަތް 37 އިންސައްތައަށް އެރި އިރު ބާކީ ދަތުރު ތަކަކީ، ސްކޫލާއި، ވިޔަފާރި ކުރުމާއި އެހެނިހެން ކަންކަމަށް ކުރެވުނު ދަތުރުތަކެވެ.

ނެދަރލެންޑްގައި ވަޒީފާއަށްދާ މީހުންގެ 50 އިންސައްތަ މީހުން އުޅެނީ 15 ކިލޯމީޓަރުން އެތެރޭގެ ސަރަހައްދުގައެވެ. އަދި ކާރުގައި ކުރާ ގިނަ ދަތުރު ތަކަކީ 7.5 ކިލޯމީޓަރަށް ކުރެވޭ ދަތުރުތައް ކަމަށް ވުމުން މިއީ ވަރަށް ފަސޭހައިން ބައިސްކަލުގައި ކަޑައްތު ކޮށްލެވޭނެ ރާސްތާއެކެވެ. މިކަން ހާސިލްކުރުމަށް ސަރުކާރުން ނިންމީ ބައިސްކަލު ދުއްވާ މީހުނަށް މާލީ އެހީތެރިކަން ދީގެނެވެ. ބައިސްކަލުގައި ވަޒީފާއަށް ދާމީހުން ދަތުރު ކުރާ ކޮންމެ ކިލޯ މީޓަރަކަށް 0.22 ޑޮލަރު ގެ ރޭޓުން ޓެކްސް މާފު ކުރެވޭ އުސޫލެއް މިހާރު ވަނީ ޤާއިމް ކުރެވިފައެވެ. ބައިސްކަލުގައި ދަތުރުކުރާ މަގާއި ދުރުމިން ނިންމަނީ، ކުންފުނިތަކާއި ވަޒީފާއަދާ ކުރާމީހުން މިކަމަށް އެއްބަސްވެގެންނެވެ.

މިކަމަށް މިހާތަނަށް ކުންފުނިތަކުން ލިބިފައިވާ ތަރުހީބު ކުޑަކަމުން، މިކަމަށް ތަރުހީބު އިތުރު ކުރުމަށް ކުރެވެން ހުރި ކަންތަކާއި މެދު ސަރުކާރުން އިތުރަށް ދަނީ ވިސްނަމުންނެވެ. މިހާރުވެސް ބޮޑު 11 ކުންފުންޏަކުން ދަނީ ބައިސްކަލް ގަންނަން ބޭނުންވާ މީހުނަށް އެކަމަށް ޚަރަދު ކޮށްދިނުމާއި އެކު، ވަޒީފާ އަދާކުރާ ތަނުގައި ފެންވެރޭނެ އިންތިޒާމް ފަދަ ކަންތައް ފަހި ކޮށްދެމުންނެވެ.

ނެދަރލެންޑަކީ އަބަދު ބައިސްކަލުގައި މީހުން އުޅެމުން އައި ގައުމެއް ނޫނެވެ. 1960 އާއި 1970 ގެ އަހަރު ތަކުގެ ތެރޭގައި، މި ގައުމުގެ ސިޓީތަކުގައި ކާރަށް ޚާއްސަކޮށް ޖާގަތައް ހަދަމުން ދިޔައެވެ. ބައިސްކަލު ދުއްވުމާއި ހިނގާފައި އުޅުމަށް މީހުނަށް ހިތްވަރުދީ އެކަމަށް ސިޔާސަތުތައް އެކުލަވާލަން ފެށުނީ 1980 އާއި 1990 ގެ އަހަރު ތަކުގެ ތެރޭގައެވެ. މިކަމަށް އެންމެބޮޑު ހިތްވަރަކަށްވީ އެދުވަސްވަރު އުފުލިގެން ދިޔަ ތެލުގެ އަގެވެ. މިއަދު ނެދަރލެންޑަކީ، ބައިސްކަލު ދުއްވުމަކީ ދަތުރުފަތުރުގެ އެންމެ މަގުބޫލު އެއް ވައްތަރުކަމަށް ބަލައިގެން ކުރިއަށް ދާ ގައުމެކެވެ.

ހަށިހެޔޮކަން މަތީ ހުރުމަށް، ޖިސްމާނީ ހަރަކާތްތެރިކަމާއި ހެލިފެލިވެ އުޅުމަކީ މުހިއްމު ކަމެކެވެ. ބައިސްކަލު ދުއްވުމަކީ، މާބޮޑަށް ވަރުބަލިކަން އިހުސާސް ނުވެ، ދުވަހުގެ ތާވަލުގެ ތެރެއަށް ފަސޭހައިން ފައްތާލެވިދާނެ މުހިއްމު އަދި ބޭނުންތެރި ކަސްރަތެކެވެ. ބައިސްކަލު ދުއްވުމަކީ ސިއްޙީ އެތައް ފައިދާއެއް އެކަމުގައި ހިމެނޭ ކަސްރަތެއް ވެސް މެއެވެ. މީގެ ބައެއް ފައިދާތަކުގެ ތެރޭގައި، ހަރޓްއެޓޭކް، ސްޓްރޯކް، ބައެއް ވައްތަރުގެ ކެންސަރު، ހަކުރުބަލި، ބަރުދަން އިތުރުވުން އަދި ހުޅުހުޅުގައި ރިއްސާބަލިން ރައްކާތެރިކަން ލިބުން ހިމެނެއެވެ. ހަފްތާއަކު 2 ގަޑި އިރާއި 4 ގަޑިއިރަށް ބައިސްކަލް ދުއްވާނަމަ ސިއްޙީ އެތައް ލަނޑުދަނޑިއެއް ހާސިލްކުރުމަށް އެހީތެރިކަން ލިބެއެވެ. މީގެ ތެރޭގައި ހިތުގެ މަސްތައް ވަރުގަދަ ވުން، ހަށިގަނޑުގެ އެހެން މަސްތައް ވަރުގަދަވެ ހަރަކާތް ކުރަން ފަސޭހަވުން، ހުޅުތަކުގެ މަސައްކަތް ފަސޭހަވުން، ސްޓްރެސް ލެވެލް ދަށްވުން،ހަށިގަނޑު ރީތިކޮށް ސީދާކޮށް ހުރުން، ކަށިތައް ވަރުގަދަވުން، ސަރުބީގެ މިންވަރުދަށްވުން، އެހެން ބަލިތަކުން ރައްކާތެރިކަން ލިބުން އަދި ނަފްސާނީބަލިތަކުން ދުރުވުން ހިމެނެއެވެ.

ބައިސްކަލު ދުއްވުމަކީ ހުރިހާ އުމުރުފުރަޔަކަށް ގުޅޭ، ޚަރަދު ކުޑަ އަދި ތިމާވެއްޓަށް ގެއްލުންދޭ މިންވަރު މަދު އަދި ހަމަ އެހާމެ މަޖާ ކަސްރަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.