ޖަލު އޮފިސަރުންނަށް ގައިދީންގެ ފަރާތުން އަނިޔާ ލިބޭ ކަމަށް ކޮމިޝަނާ އޮޕް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެ އެވެ.
މުނާޒު މިހެން ވިދާޅުވީ މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުން ހިންގި ކަމަށް ބުނެ އަޑުފެތުރިފައި ވަނިކޮށް، ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން މުނާޒް ވިދާޅުވީ ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ފަރާތުން ކަރެކްޝަންސްގެ އޮފިސަރުންނަށް އެކިއެކި ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށާއި، އެފަދަ ފަރާތްތައް އިސްލާހުކޮށް، ރިހިބިލިޓޭޓުކޮށް މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެދިނުމަކީ އެ ސަރވިސްގެ އަމާޒު ކަމަށެވެ.
"އެކަން ކުރާ މީހުންނަށްވެސް ހެޔޮ ވިސްނައިދީ، އިސްލާހުކޮށް، ރިހިބިލިޓޭޓުކޮށް މުޖުތަމައަށް ބޭނުންތެރި ބަޔެއްގެ ގޮތުގައި ޖަލުން ނެރެ، އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމަކީ ކަރެކްޝަންސްގެ އަމާޒު،" ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވި އެވެ.
މުނާޒު ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައްއަޅަމުން ގެންދާނެ ކަމަށެވެ.