މިމަހުގެ ތެރޭގައި ސިޓީ ކައުންސިލުން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރާނެ އެއް މަސައްކަތަކީ މާލޭގެ ފަޅުތެރެ ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުން ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްްއެމްގެ "ރާއްޖެމިއަދު" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ މިހާރު ފަށައިގެން އުޅޭ މަސައްކަތަކީ މާލޭގެ އެއްގަމުން ބޭރު، ފަޅުތެރޭގެ މަސައްކަތް ކަމަށާއި ފަޅުތެރެވެސް ތޮއްޖެހި މިހާރު އޮތް ހާލަތަށް އަންނަން މެދުވެރިވީ ރަނގަޅަށް ނުބެލެހެއްޓުމުން ކަމަށެވެ.
"ހުރިހާ ކަމެއްވެސް މިއޮތީ ހައްލުކުރަންޖެހޭ ހާލަތުގައި. ހަމަ ވަކި ކަމެއް މެތް. ދެން ފަހަރަކު ކަމެއް ކުރަމުން އައިސް މިހާރު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޖެނުއަރީ މަހު ކުރާނެ އެންމެ މުހިންމު ހަމަ އެއް މަސައްކަތަކީ ފަޅުތެރެ ހައްލުކުރުމުގެ މަސައްކަތް. ދެން މަގުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިމަހުގެ މެދުތެރޭ އެންމެ ލަސްވެގެން އަޅުގަނޑުމެން މި އުންމީދުކުރަނީ ރައްޔިތުންނާ ހިސާބަށް ގެނެސް މަސައްކަތް ފެއްޓޭނެ ކަމަށް." ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ މާލޭގެ ފަޅުތެރެވެސް އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައި ކަމަށާއި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މާލެއިން ފުރާ މީހުންނަށް ފަސޭހަވާނެ އިންތިޒާމު ހަމަޖެެއްސުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް ސަމާއު ވިދާޅުވިއެވެ.
"ދެން ހަމަ އޭގެ އިތުރުން މާލޭން ރާއްޖޭގެ ދެކުނަށް ފުރާ ބޭފުޅުންނަށް ވަކިން ސަރަަހައްދެއް، މާލޭން އުތުރަށް ފުރާ ބޭފުޅުންނަށް ވަކިން ސަރަހައްދެއް." ހަމަޖެއްސުމުގެ ތައްޔާރީތައްވެސް، މަޝްވަރާތައްވެސް ކުރަމުން އަންނަ ކަމަށް ޝަމާއު ވިދާޅުވިއެވެ.
މީގެ އިތުރުން ފަތުރުވެރިން އަރައި ފޭބުމަށް މާލެއިން ވަކި ސަރަހައްދެއް ކަނޑައަޅުއްވާނެ ކަމަށްވެސް ސަމާހު ވިދާޅުވިއެވެ.