1. ސްރީދޭވީ

24 ފެބްރުއަރީ 2018 އަކީ، އިންޑިޔާގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ ތާރީޚުގައި ކަޅު އަކުރުން ލިޔެވޭނެ ދުވަހެކެވެ. އެއީ ބޮލީވުޑްގެ އެންމެ ފުރަތަމަ އަންހެން ސުޕަރސްޓަރ ގެ ޝަރަފް ހޯދި ސްރީދޭވީ މި ދުނިޔެއާ ވަކިވިކަމުގެ ކުއްލި ޚަބަރު ލިބުން ދުވަހެވެ. ފެބްރުއަރީ 24 ވަނަ ދުވަހުގެ ރޭ، ދުބާއީގައި ސްރީދޭވީ ހުރި ހޮޓަލުގެ ކޮޓަރީގެ ފާޚާނާގެ ބިލިގާ ތެރޭގައި ހަރަކާތް ހުއްޓިފައި ވަނިކޮށް ފެނުނީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ބޯނީ ކަޕޫރަށެވެ. ޕޯސްޓް-މޯޓަމް އިން ހާމަވި ގޮތުގައި އޭނާ މަރުވެފައި ވަނީ "ގެނބިގެން" ކަމަށެވެ. މިގޮތަށް މި ރިޕޯޓް އައުމާގުޅިގެން މިކަން ގަބޫލު ނުކުރެވޭކަމަށް ގިނަ ފަރާތްތަކަކުން ދިޔައީ ބުނަމުންނެވެ. އެއީ ބިލިގާ އެއްގެ ތެރެއަށް ބޮޑު އަންހެނަކު ގެނބިގެން މަރުވެދާނެ ޙާލަތެއް އައުމަކީ ވަރަށް ދުރު ކަމެއް ކަމަށް ވާތީއެވެ. ދުބާއީގައި ބައެއް ތަޙުޤީޤުތައް ފުރިހަމަ ކުރުމަށް ފަހު އޭނާގެ ހަށިގަނޑު 27 ފެބްރުއަރީ ގައި އިންޑިޔާގެ މުމްބާއީ އަށް ގެންގޮސް 28 ފެބްރުއަރީގައި ވަނީ ދައުލަތުގެ އެންމެ މަތީ ފެންވަރުގައި ޖަނާޒާ ބާއްވާފައެވެ. ސްރީދޭވީ މަރުވިއިރު ފިރިމީހާ ބޯނީ ކަޕޫރު ގެ އިތުރުން ދެ އަންހެން ދަރިން ތިއްބެވެ. އެއީ ޖާންވީ ކަޕޫރު އަދި ޚުޝީ ކަޕޫރެވެ.

2. ދިވްޔާ ބާރްތީ

90 ގެ ފުރަތަމަ އަހަރުތަކުގައި ވިދާލި ދިވްޔާ ބާރްތީއަކީ އޭނާގެ މަޢުސޫމް ހިނިތުންވުމުން އެތައް މިލިއަން މީހުންގެ ހިތް ފަތަހަ ކުރި ބަތަލާއެކެވެ. ބައެއް މީހުން އޭނާ އާ ސްރީދޭވީ އާ ވެސް ވައްތަރުކަމަށް ބުނަމުން ދިޔައެވެ. ދިވްޔާ ވަނީ އޭނަގެ ފުރަތަމަ ފިލްމް ދީވާނާއިން " ބެސްޓް ނިއު ކަމަރ ޑެބިއު" އެވޯޑް ހޯދާފައެވެ. އެދުވަސްވަރުގެ އެންމެ އަގުބޮޑު ބަތަލާ ދިވްޔާ މަރުވީ 1993 ވަނަ އަހަރު އޭޕްރިލް 5 ވަނަ ދުވަހުގެ ރޭ، މުމްބާއީގެ ވަރސޯވާ ސަރަހައްދުގައި ހުންނަ އޭނާގެ އެޕަރޓްމަންޓްގެ 5 ވަނަ ފަންގިފިލާ އިން ވެއްޓިގެންނެވެ. ހޮސްޕިޓަލް އިން ބުނީ ދިވްޔާ ހޮސްޕިޓަލް އައި ގެނައިރުވެސް އޮތީ މަރުވެފައި ކަމަށާ، މަރުވީ ބޮލަށް ލިބުން ޒަޚަމާއި ހަށިގަނޑުގެ ތެރެއަށް ލޭ އެޅުމުގެ ސަބަބުން ކަމަށެވެ. މީޑިއާއިން ތަފާތު ގޮތް ގޮތަށް މިވާހަކަ ފަތުރާ، އެއްބަޔަކު މިއީ ހާދިސާއެއް ކަމަށް ނޫނީ އަމިއްލައަށް މަރުވީ ކަމަށް ބުނިއިރު އަނެއްބަޔަކު ޝައްކު ކުރަނީ ބަޔަކު ނޫނީ މީހަކު ދިވްޔާ މަރާލީ ކަމަށެވެ. ތަޙުޤީޤު ތަކަށް ފަހު ދިވްޔާގެ ހަށިގަނޑު 7 އޭޕްރިލްގައި އާއިލާއާ ހަވާލު ކުރުމުން ހަމަ އެ ދުވަހުވަނީ ޖަނާޒާ ބާއްވާފައެވެ. ދިވްޔާ މަރުވިއިރު އުޅެނީ ޕްރޮޑިއުސަރ ސާޖިދް ނަދިއަދްވާލާ އާ ސިއްރުން ކައިވެނި ކޮށްގެންކަމަށް އަޑުފެތުރިފައިވެއެވެ. ފުލުހުންގެ ތަހުގީގް ރިޕޯޓް ނިންމާލިއިރުވެސް ދިވްޔާ ބެލްކަނިން ވެއްޓެން ދިމާވި ސަބަބެއް ނޭގެއެވެ

3. ސިލްކް ސްމީތާ

އިންޑީޔާގެ ތަމަޅަ ފިލްމް އިންޑަސްޓްރީގައި ވިދާލި ބަތަލާ ސިލްކް ސްމީތާ (ވިޖެޔަލަކްޝްމީ ވަޑްލަޕަތީ) ފިލްމް އިންޑަސްޓްރީގައި ހޭދަކުރި 17 އަހަރުގެ ތެރޭގައި 450 ފިލްމްގައި ވަނީ މަސައްކަތް ކޮށްފައެވެ. 23 ސެޕްޓެމްބަރ 1996 ވަނަ ދުވަހުގެ ހެނދުނު ސްމީތާ އޭނަގެ ރަޙްމަތްތެރިޔާ އަދި ނެށުންތެރިޔާ އަނޫރާދާ އަށް ގުޅާފައި، ހިތްނުތަނަވަސްވާ ކަންތައްތަކެއް އެބަހުރިކަމަށާ އެކަންތަކާ މަޝްވަރާކޮށްލަން ބޭނުން ވާހަކަ ބުނުމުން، އަނޫރަދާގެ ދަރިފުޅު ސްކޫލަށް ލާފައި ސްމީތާއާއި ބައްދަލު ކުރާނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އޭގެ ދެތިން ގަޑިރުފަހުން ސްމީތާ ފެނުނީ ސާޅިއެއް ބޭނުންކޮށްގެން، ޗެންނާއީގައި އޭނާ ދިރިއުޅޭ އެޕަރޓްމަންޓްގެ ސީލިންގ ފަންކާ ގައި ދަންޖެހިފައި ހުއްޓައެވެ. ފައިސާގެ ދަތި ކަމާ، ޒާތީ ދިރިއުޅުމުގެ ހާސްކަމާ ނަފްސާނީ ބަލީގައި އުޅެމުން ދިޔަ ނަމަވެސް ސްމީތާ އަމިއްލައަށް މަރުވާންވީ ސީދާ ސަބަބެއް މިއަދާ ހަމަށްވެސް އޮތީ ނޭނގިއެވެ. ސްމީތާއަކީ ފަސޭހައިން މީހުނާ ރައްޓެހިކަން ބަދަހި ކުރާމީހެއް ނޫންކަމުން އޭނަގެ މާގިނަ ރައްޓެހިންނެއް ނުތިބެއެވެ. ފިލްމް އިންޑަސްޓްރީ ގައި އޭނާ ފާހަގަ ވެފައި ވަނީ ގަޑިއަށް ފަރުވާ ބަހައްޓާ އަދި މަސައްތަކުގެ އަޚުލާގު ރަގަޅު ފަންނާނެއްގެ ގޮތުގައެވެ. ބޮލީވުޑް އިން 2011 ވަނަ އަހަރު ނެރުން "ދަ ޑަރޓީ ޕިކްޗަރ" އަކީ ސްމީތާގެ ދިރުއުޅުމުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

4. ޕަރްވީން ބާބީ

ޕަރވީން ބާބީ އަކީ އިންޑިޔާގެ ފިލްމީ ފަންނާނުންގެ ހެދުން އެޅުމުގެ ވައްޓާފާޅި ހުޅަނގުގެ ފެޝަންތަކަށް ބަދަލުކޮށްލި ރީތި އެހާމެ ހުނަރުވެރި ބަތަލާއެކެވެ. ޕަރްވީން އަކީ މަޝްހޫރު "ޓައިމް" މެގަޒިންގެ ބޭރުގަނޑަށް އެރި ފުރަތަމަ އިންޑިޔާއަށް ނިސްބަތްވާ މީހާއެވެ. ޕަރްވީންގެ ފިލްމީ ކެރިއަރގެ އެންމެ ކާމިޔާބު ދުވަސްވަރު ވެސް ޕަރްވީން އަކީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅުނު މީހެކެވެ. މިހެން އުޅުމުގެ ތެރޭގައި ޕަރްވީން ވަނީ ނަފްސާނީ ބައްޔެއް ކަމަށްވާ ޝިޒިއޮފޭނިޔާގެ ޝިކާރައަކަށް ވެފައެވެ. ޕަރްވީން މަރުވެފައި އޮއްވާ ފެނުނީ އޭނާ މަރުވިތާ 3 ދުވަސް ފަހުން22 ޖެނުއަރީ 2005 ގައި، ޕަރްވީންގެ އެޕަރޓްމަންޓް ދޮރުމަތީގައި ނޫހާއި ކިރު ޕެކެޓް ތައް ނުނަގާ ހުންނަކަން ފާހަގަ ކުރެވިގެން ފުލުހުންނަށް އެންގުމުން ފުލުހުން އައިސް އެޕަރޓްމަންޓްގެ ދޮރުހަލާކު ކޮށްލައިގެން ވަނުމުންނެވެ. ޕަރްވީންގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ނިދާ އެނދުމަތީގައި އޮއްވައެވެ. ޕަރވީން އަކީ ހަކުރުބަލީގެ މީހަކަށް ވުމުން ފައިގައި ހަލާކުވެފައި ހުރި ބޮޑު ތަނެއް ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމުގައި ދަތި ތަކެއް ހުއްޓެވެ. ޕޯސްޓް-މޯޓަމް ރިޕޯޓްއިން ދެއްކި ގޮތުގައި ޕަރވީންގެ މަރުވުމުގެ 3 ދުވަސް ކުރިންސުރެ އެއްވެސް އެއްޗެއްކައިފާ ނެތުމުން ބަންޑުގައި އެއްވެސް ކާ އެއްޗެއްނެތެވެ. އެހެން ކަމުން ބޮޑަށް ބެލެވެނީ ޕަރވީން ބަނޑަށްމަރުވީ ކަމަށެވެ. ޕަރްވީން އަކީ މުސްލިމް އާއިލަ އަކަށް އުފަން މީހެއްނަމަވެސް، އޭނާގެ ހަޔާތުގެ ފަހުކޮޅު އޭނާވަނީ ކްރިސްޓިއަން ދީން ގަބޫލުކޮށް، އޭނާ މަރުވީމާ ކްރިސްޓިއަން ސަހަރާއެއްގައި ވަޅުލުމަށް ވަސިއްޔަތް ކޮށްފައި ކަމަށް ވެއެވެ. ނަމަވެސް އޭނާގެ މުޅި އާއިލާ އަކީ މުސްލިމް އާއިލާއެއް ކަމުން ޕަރްވީންގެ ޖަނާޒާ އިސްލާމީ އުސޫލުންގެންގޮސް ވަޅުލާފައިވަނީ ޖޫހު މުސްލިމް ސަހަރާގައެވެ. ޕަރްވީން އަކީ މިހާރުގެ މަޝްހޫރު ބަތަލާ އާލިޔާ ބަޓްގެ ބައްޕަ މަހޭޝް ބަޓް އާ ލޯބީގެ ގޮތުން ގުޅިގެން ވަރަށް ގިނަ ދުވަހު އުޅުން މީހެކެވެ. މަހޭޝް ބަޓް ޕަރްވީން އެކަނިކޮށްލި ކަމާ، ޕަރްވީންގެ މަރުގެ ޒިންމާ އުފުލަން ޖެހޭނެކަމަށް ބައެއް މީޑިޔާ ތަކުން ތުހުމަތު ކުރުމުން، އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަން ހާމަ ކުރުމަށް މި ދެމީހުންގެ ލޯބީގެ ހަޔާތުގެ މައްޗަށް ހެދި ފިލްމް "ވޯ ލަމްހޭ" ނެރުނީ 2006 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *