ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކަށް އަރައިގަނެ، އެއީ އޭނާއަށް ކުރެވުނު މާ މޮޅު ކަމެއް ކަމަށް ހަދައިގެން، އެވާގަކަ ރައްޓެހިންގެ ގާތުގައި ދައްކައި އެ ފަދަ ވާހަކަތައް ޢާއްމު ކުރުމަކީ ޤިޔާމަތް ދުވަހުން ވޭންދެނިވި އަޒާބު ހުންނާނެ ކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ފާފަތަކުން ދުރުހެލިވުމުގެ މުހިންމުކަން"، މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާއިރު، ހުތުބާގައި ބުނީ، ފާހިޝް އަމަލުތައް ކޮށް، އެވާހަކަ މޮޅުކޮށްގެން އެހެން މީހުންގެ ގާތުގައި ދެއްކުމަކީ ﷲ ތައާލާ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ.
މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، އަމަލުމ ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެ އާއި އާހިރަތުގައި ވޭންދެނިވި އަދާބު އެމީހުންނަށް ހުއްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ"
ހުތުބާގައި ބުނީ، އިންސާނާގެ އަމަލުތަކުގެ ސަބަބުން އޭނާ ދިރިއުޅޭ ވެށި ފަސާދަވެދާނެ ކަމަށެވެ.
މާތްﷲ ވަހީކުރެއްވި ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން އެއްގަމާއި، ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަ ވުމަށްޓަކައެވެ"
މީގެ އިތުރުން ﷲގެ އަމުރުފުޅުތަކަށް ކިޔަމަން ނުވެ، ނަހީކުރައްވާފައިވާ ކަންކަން ކުރަނީ ނަމަ ހީވެސް ނުކުރާހާ ދަތި އުނދަގޫ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ކަމުގައިވެސް ހުތުބާގައި ބުނެފައި ވެއެވެ.
"ﷲގެ އަމުރުފުޅުތަކަށް ކިޔަމަން ނުވެ، ނަހީ ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލި ނުވެއްޖެ ނަމަ ހީވެސް ނުކުރާ ފަދަ ދަރި އުނދަގޫ ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއް ފަހަރު ހައިހޫނުކަމާއި ކުރިމަތިލާން ޖެހެއެވެ. އަނެއްބައި ފަހަރު ބަލިމަޑުކަމާއި، ކުރިމަތިލާން ޖެހެއެވެ. އަނެއްބައި ފަހަރު މުޖުތަމައުގައި އޮންނަ އަމާންކަން ގެއްލި، ބިރުވެރިކަމާއި، ނުތަނަވަސްކަން ފަދަ ކަންކަމާއި ކުރިމަތިލާން ޖެހެއެވެ." ހުތުބާގައި ވެއެވެ.
މާތް ﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އާމާންވެ، ހިތްހަމަޖެހިފައިވާ ރަށެއްގެ މިސާލުން ﷲ މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާއަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒުޤު އާދެތެވެ. ދެން ﷲގެ ނިޢުމަތްތަކަށް އެ ރަށުގެ މީހުން ކާފިރުވޫއެވެ. ދެން އެއުރެން ކޮށް އުޅުނު ކަންތައްތަކުގެ ސަބބަުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާން ލައްޗައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވިއެވެ"
މާތް ﷲ އިންސާނުންނަށް ދެއްވި އެންމެ އަގުބޮޑު އެއް ނިއުމަތަކީ ކީރިތި ޤުރުޢާން ކަމުގައިވެސް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާ ނިންމާލަމުން ވަނީ ފާފަތަކުން ދުރުހެލިވުމަށް އެންމެހާ މުސްލިމުންނަށް ވަސިއްޔަތްކޮށްފައެވެ.