ކަޝްމީރުގެ އިންޑިއާ ފަޅީގައި ތިބި މުސްލިމުންނާއެކު ހުންނެވިކަމަށް ދެއްކެވުމުގެ ބަދަލުގައި، ކަޝްމީރުގެ ޕާކިސްތާން ފަޅީގައި ތިބި މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މަސައްކަތްކުރެއްވުން އައުލާކަން ބޮޑުކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

އިންޑިއާގައި އޮންނަފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތުމުގެ ސަބަބުން ޕާކިސްތާނުގައި، ޚާއްސަކޮށް ކަޝްމީރުގެ ޕާކިސްތާން ފަޅީގައި، ހިންގާ ލާއިންސާނީ އަނިޔާތައް ދުނިޔޭގެ ލޮލަށް އަބަދު ނުފެނުނު ނަމަވެސް، ކޮންމެވެސް ވަރަކަށް އެކަންކަމާއި ބެހޭ މައުލޫމާތު ދަނީ ހާމަވަމުންނެވެ. އެގޮތުން އަސާސީ ހައްގުތައް ނުލިބުމުގެ އިތުރުން ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އެޖެންޓުން ފޮނުވައިގެން މީހުންނަށް ވަގަށް ނެގުމާއި، ލާއިންސާނީ ބޮޑެތި އަނިޔާތައް ދިނުމަކީ އާއްމު ކަމެކެވެ. ޕާކިސްތާނުގެ ޖާސޫސީ އިދާރާއާއި އަސްކަރިއްޔާއިން ހިންގާ ލާއިންސާނީ މިއަމަލުތައް ރިޕޯޓްކުރުމަށް މީޑިއާ ވަނީ ނުކުޅެދިފައެވެ.

އދގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ބުނާ ގޮތުގައި ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ކަޝްމީރު އޮތުމަށް ދެކޮޅު ހަދާ ފަރާތްތައް ޖަލަށް ލުމާއި، އަނިޔާކުރުމާއި، އެމީހުންނަށް ދަތުރުފަތުރުކޮށް އުޅުން މަނާކުރުމަކީވެސް ޕާކިސްތާނުގައި އާއްމު ކަމެކެވެ. 2018 ވަނަ އަހަރު ނެރުނު އދގެ ރިޕޯޓުގައިވާ ގޮތުން އިންސާނީ ހައްގުތަކަށް ގޮވާލާ މީހުންނާއި ދެކޮޅަށް އެގައުމުގެ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ނަހަމަ ބޭނުންކޮށްގެން ބޮޑެތި އަދަބުތައް ދަނީ ދެމުންނެވެ. އަދި އާޒާދު ކަޝްމީރުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޕާކިސްތާން ސަރުކާރު ނުކުޅެދިފައިވާކަން އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާޒާދު ކަޝްމީރުގައި ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު އަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާކުރި އެތައް ބަޔަކު ހައްޔަރުކުރިއިރު، އެމީހުން ހައްޔަރުގައި ތިއްބައި ވަނީ ވީނުވީއެއް ނޭނގި، ގެއްލިފައެވެ. މިގޮތަށް ގެއްލޭ މީހުންގެ މައްސަލަތައް ބޮޑުވެ، މިމައްސަލަތައް ބަލަން ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެއް އެކުލަވާލަން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

ކަޝްމީރުގައި ހިންގާ އިންސާނިއްޔަތާއި ޚިލާފް އަމަލުތަކުގެ މައްސަލައިގައި މުޒާހަރާކުރާ މީހުންނާއި، އެމައްސަލައިގައި ލިޔާ ޕާކިސްތާނުގެ ނޫސްވެރިން ހައްޔަރުކޮށް، އެމީހުންނަކީ އިންޑިއާގެ ޖާސޫސުންކަމަށް ބުނެ އެމީހުންނާއި ދެކޮޅަށް ދައުވާކޮށްފައި ހުރިކަން އޭޝިއަން ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *