ޒުވާނުންނަށް ހާސްކަމުން ބޭރުގައި މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށް ދިނުމަށް ހުށައަޅާފައިވާ ގަރާރަށް އިއްޔެ މަޖިލީހުގައި ކުރެވުނު ބަހުސްގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ވާހަކައެއް ދެކެވުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މި ގަރާރާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
ގަރާރަށް ކުރެވުނު ބަހުސްގައި އެމް.ޑީ.ޕީ މެންބަރުން ވަނީ އެފަދަ މަރުކަޒެއްގެ މުހިންމުކަން ފާހަގަކުރައްވާ ރާއްޖޭގައި 'އެންޓި މިއުޒިކް' އޮއިވަރެއް އެބަ އަންނަ ކަމަށާއި އެކަން ހުއްޓުވަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މި ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިން ދަނީ ޓްވިޓަރގައި ނުރުހުން ފާޅުކުރަމުންނެވެ.
މި މައްސަލަ ހޫނުވެފައިވަނިކޮށް އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ވަނީ ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ.
މިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އިއްޔެ ބަހުސްގައި މެމްބަރުން ފާހަގަކުރެއްވި ކަންކަން ތަކުރާރުކުރައްވާފައެވެ.
އަޅުގަނޑު އިއްޔެގައި މި މަޖިލީހުގައި ބަހުސް އަޑު އަހަމުން ދިޔައިރު އިއްޒަތްތެރި މެމްބަރުން ފާހަގަކުރެއްވި ވައުލު ވިދާޅުވުމުގެ ހުއްދަ ލިބިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުން ދެއްވާ އިރުޝާދަކީ ޖިންސީ ގުޅުމުގެ އިރުޝާދޭ. އެހެންވީމާ އެ ބޭފުޅުންގެ އެ އިރުޝާދުތައް އެއީ ކޮން މިންވަރަކަށްތޯ ރައްޔިތުން ބަލައިގަންނާނީ. އެއީ އަޅުގަނޑުމެންނަށް އުނދަގޫވެފައި އޮތް ކަމެއްގެ ގޮތުގައި މި މަޖިލީހުގައި އިއްޔެ ބަހުސް ހިނގަމުން ދިޔައިރު ފާހަގަކުރެއްވި.
ބަހުސް މަރުހަލާގައި މެމްބަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅުވައި ނަޝީދު ވިދާޅުވީ އިއްޔެ ތަޅުމުގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ވާހަކައެއް މެމްބަރަކު ދައްކަވާފައިނުވާކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ވާހަކައެއް މަޖިލީހުގައި ނުދެކެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިސްލާމް ދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ވާހަކައެއް މި މަޖިލީހުގައި ނުދެކެވޭނެ. އަދި އަޅުގަނޑު ދެކޭ ގޮތުގައި މި މަޖިލީހުގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ވާހަކައެއް ނުދައްކާ.