ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވާދަކުރައްވާނެކަމަށް އަޑު ފެތުރިއްޖެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މާލެއަށް ދިމާވެފައިވާ އިޖްތިމާޢީ ބައެއް މައްސަލަތަކަށް ހައްލެއް ހޯދުމަށް ހަރުކަށި ބައެއް ސިޔާސަތުތަކަކާއިއެކު މާލޭގެ މޭޔަރުކަމަށް އުމަރު ވާދަކުރެއްވުން ގާތެވެ. އެގޮތުން މަސްތުވަތަކެތީގެ މައްސަލައާއި، ގޭންގް ކުށްތައް ހުއްޓުވުމަކީ އުމަރުގެ މައިގަނޑު އެއް އަމާޒަށް ވެގެންދާނެއެވެ.
2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއިރުވެސް، އަދި ފަހުން 2013 ގައި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އިރުވެސް އުމަރު ވަނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ހަރުކަށި ބައެއް ސިޔާސަތުތައް އިއުލާންކުރައްވާފައެވެ. މާލޭގެ މޭޔަރުކަމަށް އުމަރު ނެރުމަށް ބައެއް ދީނީ އިލްމުވެރިންވެސް ތާއީދުކުރައްވާކަމަށް ވެއެވެ. އޭގެ ތެރޭގައި ސަރުކާރާއި އިދިކޮޅު ބައެއް އިލްމުވެރިންނާއި އަދި އެމްޑީޕީގެ ސަރުކާރު ގެނައުމުގައި ހަރަކާތްތެރިވި ބައެއް އިލްމުވެރިންވެސް ހިމެނިވަޑައިގަންނަނަވައެވެ.
މޭޔަރުކަމަށް ވާދަކުރައްވާނެކަން އަދި ރަސްމީކޮށް އުމަރު އިއުލާންކުރައްވާފައި ނުވިނަމަވެސް، އުމަރު ވަނީ ފަހަކަށް އައިސް ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވުން އިތުރުކުރައްވާފައެވެ. އަދި ޕީޕީއެމްގެ ލީޑަރޝިޕް އުމަރު ނަންގަވަން އުޅުއްވާކަމަށް އެޕާޓީގެ އިސް ވެރިން ތުހުމަތުކުރައްވައެވެ.