ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލު -- ފޮޓޯ: މިހާރު

ރާއްޖޭގެ މުއާސަލާތީ ހިދުމަތްތަކާއި އިންޓަރނެޓްގެ ހިދުމަތް ރެގިއުލޭޓް ކުރުމާއި ގުޅޭ ކަންކަމުގައި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލަށް އިހުމާލުވެފައިވާތީ އޭނާ މަގާމުން ވަކި ކުރުމަށް އަނެއްކާވެސް ގޮވާލައިފިއެވެ.

ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހަދާ އޮތް މައްސަލައިގައި މަލީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައިސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް އެމްޑީޕީ ޕީޖީން މިދިޔަ އަހަރު ނިންމިއެވެ.

މި މައްސަލަގައި އެންމެ އިސްކޮށް އުޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މަލީހުގެ މައްސަލަ އަވަސްކޮށްދިނުމަށް އެމްޑީޕީ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މީކާއިލް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ހާސްކަމެއްގެ ތެރޭގައި މުޅި ރާއްޖެ އޮތް އިރު، އެންމެ ބޮޑަށް ހާމަވި ކަމަކީ އިންޓަރނެޓްގެ ހިދުމަތް ޒަރޫރީ ބޭނުމަކަށް ވެފައިވާ މިންވަރު ކަމަށެވެ. އަދި އެއާއި އެކު ހާމަވެގެންދިޔަ އަނެއް ކަމަކީ ރާއްޖޭގެ މުއަސަލާތީ ހިދުމަތްތަކާއި އިންޓަރެނޓްގެ ހިދުމަތް ރެގިއުލޭޓް ކުރުމުގެ މައްސޫލިއްޔަތު ގާނޫނުން މަތިކުރާ ކޮމިއުނިކޭޝަން އޮތޯރިޓީއާއި ކޮމިއުނިކޭޝަން މިނިސްޓަރގެ ނާގާބިލު ކަން ކަމަށެވެ. އަދި އެކަން ކުރުމަށް މިނިސްޓަރުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ވެސް ހާމަވެގެންދިޔަ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ހާސްކަމެއްގެ ތެރޭ އެތައް ދަރިވަރުންނަކާއި ޓީޗަރުންނަކާއި ޑޮކްޓަރުންނަކާއި އެތައް އެތައް ބަޔަކު ތިއްބާ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ވަރަށް އެހެން ކަހަލަ މަންޒަރުތަކެއް. ވަޅު ދިޔަ ހިއްކުމާއި ފަލަ މަޑީގެ ބާވަތްތައް އިންދުމާއި އަދި އޭގެ ފޮޓޯ ޓުވިޓާރގައި ޝެއަރކޮށް، ހީވަނީ ހަމަ ރައްޔިތުންނަށް ހިދުމަތެއް ނުލިބި އޭގެ ޝަކުވާ ކުރަމުންދިޔަ ދަނޑިވަޅުގައި މިނިސްޓަރު އާދަޔާ ޚިލާފުގޮތަކަށް ރައްޔިތުންނަށް ޖެއްސުން ކުރަން ކުރެއްވި ކަންކަން ހެން

މިއަދު ބަހުސް ކުރަމުންދާ ގަރާރަށް އަލިއަޅުއްވާލައްވާ މެމްބަރު ވަނީ ގަވާއިދު ނުހަދާ މައްސަލަ އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ. އަދި ދިވެހިންނަށް ދިމާވަމުންދާ އިންޓަރނެޓްގެ މައްސަލަތައް މެމްބަރު ވަނީ މިސާލު ނަންގަވާ ފާހަގަކުރައްވާފައެވެ. މީކާއިލް ވިދާޅުވީ އެމްޑީޕީގެ ޕީޖީއަށް އިތުބާރު ނެތް މިނިސްޓަރެއް ކެބިނެޓުގައި އިންނެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ އަވަހަށް ތަންފީޒުކޮށްދެއްވުމަށްވެސް އޭނާ ވަނީ އެދިވަޑައިގަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.