ރާއްޖޭގެ މުއާސަލާތީ ޚިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުކުރެވިފައިވާ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން، ޤާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަށް ކަންތައްކޮށް، ރައްޔިތުންނަށް ގެއްލުންވާގޮތަށް ކަންތައްތައް ތަރުތީބުކޮށްފައިވާތީ، އެ ކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށައަޅައިފިއެވެ.
މި ގަރާރު ހުށައަޅުއްވާފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުއެވެ. މެމްބަރު ވިދާޅުވީ ރާއްޖޭގެ އިންޓަރނެޓް މައްސަލައަކީ ހަމައެކަނި ހިދުމަތްދޭ ފަރާތްތަކާއި ގުޅިފައިވާ މައްސަލައެއް ނޫން ކަމަށެވެ.
މެމްބަރު ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގައިވާ އެއްވެސް ގަވާއިދެއް ހަދާފައިނުވުމާއި އެ ގާނޫނަށް އަމަލު ކުރާ މިންވަރު ބެލިފައި ނުވުމުގެ އިތުރުން ގާނޫނާއި ޚިލާފު ވެއްޖެ ނަމަ ފިޔަވަޅު އަޅާފައިނުވުން ވެސް ހިމެނެއެވެ. އަދި އެ ގާނޫނުގައި ވާގޮތަށް އަގުތަކާއި ޚިދުމަތުގެ ފެންވަރު ކޮންޓްރޯލް ކޮށް ބެލެހެއްޓިފައި ނުވުމުގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށް އެއްވެސް ވަރަށް އެ ސިނާއަތް ރެގިއުލޭޓް ކުރެވިފައި ނުވާ މައްސަލަވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މެމްބަރު ވަނީ ރާއްޖޭގެ ޒަމާނީ ފެންވަރެއްގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ އެއް ގާއިމު ކުރެވިފައިނުވާ މައްސަލައާއި ރާއްޖޭގައި އޯޕަން އެކްސެސް ނެޓްވަރކްގެ ހިދުމަތް ނެތުމުގެ ސަބަބުން އެހެނިހެން ދާއިރާތައް ކުރިއެރުމުގައި ގޮންޖެހުން ގިނަ މައްސަލަ ވެސް ފާހަގަކުރައްވާފައެވެ. އަދި ފްރީކުއެންސީ ސްޕެކްޓްރަމް ޒިންމާދާރު ކުޑަގޮތަކަށް ފްރީކުއެންސީތައް ދިރާގަށާއި އުރީދޫ އަށް ހިލޭ ބަހާލާ، ބޮޑު އަދަދެއް ހުސްކޮށްފަައިވާ މައްސަލަވެސް ހިމެނެއެވެ.
އިންޓަރނެޓްގެ އަގުހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު އިންޓަރނެޓްގެ އަގު ހެޔޮ ނުކުރާ މައްސަލައިގައި ސަރުކާރަށާއި ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް ވަނީ އާއްމުންގެ ފާޑުކިއުން އަމާޒުވެފައެވެ.
ދުނިޔޭގެ އެންމެ އިންޓަރނެޓް އަގުހެޔޮ ލިސްޓުގައި ރާއްޖެ އުޅެނީ 116 ވަނައިގައެވެ. ރާއްޖޭގެ އިންޓަރނެޓްގެ އަގަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އިގްތިސާދު ކުރިއަރާފައިވާ ގައުމުތަކަށްވުރެ ބޮޑު އަދަދެކެވެ.