ވޮލީ ބޯޅައިގެ ބައިނަލްއަގްވާމީ ދެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ޖަޒީރާއަށް އެނގިފައިވާ ގޮތުން އޭޝިއަން ސެންޓްރަލް ޒޯން ޗެލެންޖް ކަޕުގެ އަންހެން ޑިވިޝަނާއި، ބީޗް ވޮލީބޯޅަ ޗެލެންޖު ކަޕުގެ އަންހެން އަދި ފިރިހެން މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މުބާރާތްތަކުގެ ތެރެއިން އޭވީސީ ސެންޓްރަލް ޒޯނު ޗެލެންޖް ކަޕުގެ އަންހެން ޑިވިޝަނަކީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުމަށް ތާވަލުކުރި މުބާރާތެކެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މުބާރާތް މިއަހަރަށް ވަނީ ފަސްކޮށްފައެވެ.
މިއަހަރުގެ ވޮލީ ކަލަންޑަރުގައި އެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޮކްޓޫބަރު މަހުގައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ނޭޕާލާއި، އަފްގާނިސްތާނާއި، ބޫޓާނާއި، ބަންގްލަދޭޝްއާ، ކިރިގިސްތާނާއި، އުޒްބެކިސްތާންގެ އިތުރުން ތުރުކުމެނިސްތާން ހިމެނެއެވެ.
މީގެ އިތުރުން ބީޗް ވޮލީބޯލް ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގައެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ މެޗުތައް ރާއްޖޭގައި ކުޅޭއިރު، މި މުބާރާތުގައިވެސް ނުވަ ގައުމަކުން ވާދަކުރާނެއެވެ.
މީގެ ކުރިން ރާއްޖޭގައި ވަނީ ވޮލީބޯޅައިގެ ބައިނަލްއަގްވާމީ ދެ މުބާރާތެއް ބާއްވާފައެވެ. އެއީ އޭވީސީ ކޮލިފިކޭޝަން ބުރާއި، ސީނިއަރ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕެވެ. މީގެ އިތުރުން ބީޗް ވޮލީގެ ވެސް ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ވަނީ ބާއްވާފައެވެ.