އަލަށް އެއްގަމުގައި ދުއްވާ އުޅަނދު ފަހަރަށް ލައިސަންސް ދޫކުރާ އިރު، ފުލުހުން ދޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލު ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީއިން ނިންމައިފިއެވެ.
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، މަގުމަތީގެ ރައްކާތެރި ކަމަށް މި އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި އެގޮތުން އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރާއިރު މިނިސްޓްރީއިން ދޭ ޓެސްޓުގެ އިތުރުން ފުލުހުން ދޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލު ގެނައުމަށް މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނީ އަލަށް ލައިސަންސް ހައްދާ ފަރާތްތަކަށް ކަމަށެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ ފުލުހުންގެ ތަމްރީނެއް ފުރިހަމަކުރަން ޖެހޭ ގޮތައް ބަދަލުކުރުމުގެ މަގުސަދަކީ މިހާރު ހިނގަމުންދާ އެކްސިޑެންޓްތައް މަދުކޮށް، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް މީހުން އަހުލުވެރި ކުރުވުން ކަމަށެވެ.