ރައްޔިތުންގެ މަޖިލިސް -- ފޮޓޯ: މަޖިލިސް އިދާރާ

ޒުވާނުންނަށް ހާސްކަމެއްނެތި ސަމާސާކޮށްލައި އެއްވެ ތިބެވޭނެ މަރުކަޒެއް ގާއިމުކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާފައިވާ ގަރާރުގެ ބަހުސްއާ ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކޮށްފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށައެޅުއްވި ގަރާރަކަށެވެ. މި ގަރާރުގައި މާލެއަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު ވެސް، ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ، އެކުވެރިންނާ ބައްދަލުކޮށް، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށް ދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

މި ގަރާރުގެ ބަހުސް މަރުހަލާގައި އެމް.ޑީ.ޕީ މެންބަރުން ވަނީ މިފަދަ މަރުކަޒެއްގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި، ރާއްޖޭގައި 'އެންޓި މިއުޒިކް' އޮއިވަރެއް އެބަ އަންނަ ކަމަށާއި އެކަން ހުއްޓުވަން ޖެހޭނަކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ނަމުގައި، ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން އިހަކަށް ދުވަހު އަޅުގަނޑު ދުށީމު ހަބަރެއްގައި ލިޔެފައި އޮއްވާ ރޮކް މިއުޒިކް އަކީ ހަރާމް އެއްޗެކޭ. - އިންތި

ރޮކް މިއުޒިކް އަކީ މަނާކުރެވެން ޖެހޭނެ އެއްޗެއްގެ ގޮތުގައި ދީނީ އިލްމުވެރިއަކު ބުނެފައިވާތީ އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަރަށް ބޮޑަށް ނުރުހުންވެސް ފާޅުކުރިއެވެ.

އިންތިގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ މިއުޒިކްގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި، ދީނީ ގޮތުން މިއުޒިކަކީ ހަރާމް އެއްޗެއްގެ ގޮތުގައި ބަޔަކު މީހުން ސިފަކުރަން އުޅޭކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން އީވާ ވަނީ އިސްލާމީ އުމަވީ އަދި އައްބާސީ ދައުލަތުގައި މިއުޒިކް ނުވަތަ ލަވަ ކިޔުން އޮތް ގޮތް ހިއްސާކޮށްފައެވެ.

މި ވާހަކަތަކާއި ގުޅިގެން ދީނީ ގިނަ އިލްމުވެރިން އަންނަނީ ޓްވިޓަރ މެދުވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީ އިންވެސް ވަނީ މިކަމާއި ގުޅިގެން ޓްވީޓް ކޮށްފައެވެ. އެގޮތުން، ޓްވީޓް ކޮށްފައިވަނީ ސީދާ ބަހުސްއާ ގުޅިގެން ކަން ބުނެފައި ނުވިނަމަވެސް، ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެއް ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަދި، އިސްލާމް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެއް ކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.