ނިމިދިޔަ 2019 ވަނަ އަހަރަކީ ރާއްޖޭގައި ސުލްހަވެރިކަން ޤާއިމްކުރެވުނު އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި ރައީސް ޞާލިހް އާންމުކުރެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވީ، ނިމިދިޔަ 2019 ވަނަ އަހަރަކީ، ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށްޖެހި، އާއިލީ އަދި އިޖުތިމާއީ ގުޅުންތަކުން، މުޖުތަމައުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެއް ކަމަށެވެ.

"ބައިނަލްއަގްވާމީ މުޖްތަމައުގެ އިހްތިރާމާއި ގަދަރު ރާއްޖެއަށް ލިބުނު އަހަރެކެވެ. އިގްތިސާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެކެވެ." ނިމުނު އަހަރުގެ ކާމިޔާބު ކުރު ގޮތަކަށް ސިފަ ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ، ރާއްޖޭގެ ހަޔާތުން މުޅިން އާ އަހަރަކާ ކުރިމަތިމިލަނީ، ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައި ކަމަށާއި، އެގޮތުން އެ ބަދަލުތަކުން ދެން ކުރިމަތިލާނީ، ރައްޔިތުން ބާރުވެރި ކުރުމުގެ މުޅިން އާ މަރުހަލާއަަކަށް ކަމަށެވެ.

"އަޅުގަނޑުމެންނާ ދެން ބައްދަލުކުރާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، މުޅި ރާއްޖެ ތަރައްގީ ކުރުމުގެ މުޅިން އާ ފެށުމެކެވެ. ދިވެހިން ދެކެން ފަށާނީ، މުޖްތަމައުގައި އަންހެނުންނަށް ހައްގުވާ މަގާމު ލިބިދީ، އަންހެނުން ބާރުވެރިވެގެންދާ، މާ އުފާވެރި ދުވަސްތަކެކެވެ." ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރައީސް ތަސްދީގު ކުރެއްވި ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކުން ކޮންމެ ކައުންސިލަކަށް ވެސް މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭއިރު، 3،000 އަށް ވުރެ މަތީގެ އާބާދީތަކުގައި ހަތް ކައުންސިލަރުން އިންތިހާބު ކުރަން ޖެހެ އެވެ. އޭގެ އިތުރުން ކޮންމެ ކައުންސިލެއްގައި 33 އިންސައްތަ އަންހެނުން އިންތިހާބުކުރުން ލާޒިމްވެގެންވެއެވެ.

ރައީސް ވިދާޅުވީ، އެ އިސްލާހުތަކާއި އެކު ކައުންސިލްތަކަށް ބާރުތައްދެވި، މާލީ ގޮތުންނާއި އިދާރީގޮތުން ކައުންސިލްތައް ތަނަވަސްވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މިއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖުތިމާއީ އަދާލަތު ގާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް، ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީން ކަން ރައީސް އެރުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *