ފޮރިން އިންވެސްޓަރުންނަށް ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން ވިޔަފާރި ކުރުމަކީ މަނާ ކަމެއް -- ފޮޓޯ: އަވަސް

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު އަދި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާއި ބެހޭ ޤާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ނުހޯދައި މަސައްކަތްކުރާނަމަ ބްލެކްލިސްޓް ކުރާނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިގޮތަށް ބުނެފައިވަނީ، ބައެއް މަޝްރޫއުތައް ހިންގުމަށް ފޮރިން އިންވެސްޓްމެންޓް ކުންފުނިތަކުން ކުރިމަތިލައި، ހޯދަންޖެހޭ ހުއްދަތައް ނުހޯދައި، ނުވަތަ ހުއްދައިގެ ދާއިރާގެ ބޭރުން ބައެއް ވިޔަފާރި ހަރަކާތްތައް ހިންގާކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާތީއެވެ.

ދިވެހިރާއްޖޭގައި ބިދޭސީ ފަރާތްތަކަށް އިންވެސްޓްކުރެވޭނީ މިނިސްޓްރީއިން ހާއްސަ ހުއްދައެއް ހޯދުމަށްފަހު ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ. އަދި މިގޮތަށް ހުއްދަ ދެވޭނެ ދާއިރާތައް ކަނޑައަޅައި، އެފްޑީއައި ޕޮލިސީ އެކުލަވާލައި، 11 ފެބްރުއަރީ 2020 ގައި ސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީއިން ވަނީ ޝާއިއުކޮށްފައެވެ. މި ޕޮލިސީއާ ހިލާފަށް ހިންގާ ވިޔަފާރިތައް ޖޫރިމަނާކޮށް، އެ ވިޔަފާރިއަކަށް މަސައްކަތް ޙަވާލުކުރި ފަރާތާއިމެދުވެސް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީއިން ދޫކޮށްފައިވާ ހުއްދަ އޮންނަ މުއްދަތުގައި، ރާއްޖޭގައި އިންވެސްޓުކުރުމަށް ނުވަތަ މަޝްރޫޢުއެއް ހިންގުމަށް ދީފައިވާ ހުއްދައިގައި ހިމެނޭ ވިޔަފާރި ޙަރަކާތް ފިޔަވައި، އެހެން އެއްވެސް ވިޔަފާރި ޙަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. އަދި ގާނޫނުތަކާއި ހިލާފަށް އަމަލުކުރާނަމަ ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަށް މުއްދަތެއް ދީ، އިޞްލާޙުނުވެއްޖެނަމަ، އެ ފަރާތަކުން ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އަންގައި، އެގްރީމެންޓް ބާތިލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ބޭރުގެ ފަރާތްތަކަށް މަޝްރޫޢު އެވޯޑު ކުރުމުގެ ކުރިން، ހުއްދަ ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމަށްވަނީ ބުނެފައެވެ. ފޮރިން އިންވެސްޓްމަންޓް އެޕްލިކޭޝަން މެދުވެރިކޮށް ހުއްދައަށް ހުށަހެޅޭއިރު، ހުއްދަ ނުހޯދައި، މަޝްރޫއުތައް ހިންގުމަށް ހަވާލުވާ ފަރާތްތައް ބްލެކްލިސްޓް ކުރުމަށްފަހު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރުމަށްވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.