ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ދިވެހިރާއްޖެ މިހާރު މިވަނީ އަލުން އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމް ހޯދާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އާ އަހަރުގެ ތަހުނިޔާ މެސެޖުގައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، 2020 ވަނަ އަހަރާއި ކުރިމަތިލަނީ އުއްމީދުން ފުރިގެންވާ ހިތްތަކަކާއި އެކުގައި ކަމަށާއި، މި ފެށުނު އަހަރަކީ ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، މިނިވަން ހާރިޖީ ސިޔާސަތެއް ހިންގަން ފެށިތާ 55 އަހަރު ފުރޭ ތާރީހީ އަހަރު ކަމަށެވެ.
އަދި އާ އަހަރަށް މަރުހަބާ ކިޔަނީ އާ އަޒުމަކާއި އާ ހިތްވަރަކާއި އެކު، މުޅިން އާ ހަރުފަތްތަކެއް ގިރާ ކުރުމަށް ކަމަރު ބަދެގެން ކަމަށްވެސ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޒައާމަތުގެ ފުރަތަމަ އަހަރު ހާރިޖީ ސިޔާސަތު ހިންގުމުގައި ކާމިޔާތީތަކެއް ހާސިލް ކޮށްފައިވާ ކަަމަށާއި، އެގޮތުން ބޭރުގެ ގައުމުތަކާއި އޮންނަ ގުޅުން ވަރުގަދަ ކުރެވިފައިވާ ކަމަށެވެ.
"ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ދިވެހިރާއްޖެ މިހާރު މިވަނީ އަލުން އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމް ހޯދާފައި. ޒަމާންވީ ރަހުމަތްތެރިންނާ ގުޅުން ބަދަހިކޮށް، އަތުގުޅާލައި، އިތުރު ޤައުމުތަކާއި ގުޅުން ޤާއިމްކޮށް، ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭ ފަހުރުވެރި ގައުމަކަށް ވެފައި". ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ޙިމާޔަތްކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރުކަމާއިއެކު ވަރުގަދަކުރުމަކީ އުއްމީދެއް ކަމަށާއި، ޖަޒީރާ ދިވެހިރާއްޖެ އަކީ ދުނިޔޭގެ ހުރިހައި ކުދި ޖަޒީރާ ގައުމުތަކެއްގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ އެންމެ އިސް ގައުމަކަށް ހެދުމަކީވެސް އުއްމީދެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.