Maldive Gas MD Ali Ikram
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމް -- ފޮޓޯ: މޯލްޑިވް ގޭސް

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމްގެ ދެ މައްސަލައެއް ބަލަން ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީ އިން ނިންމައިފިއެވެ.

މިއަދު ބޭއްވެވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި، އިކްރާމްގެ ފުރަތަމަ މައްސަލަ ހުށަހަޅާފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއެވެ. އޭނާ ހުށަހަޅާފައިވަނީ އޮކްސިޖަން ސިލިންޑަރު ތަކެއް މޯލްޑިވް ގޭސްއަށް ސަޕްލައި ކޮށްދިން ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

ދެވަނަ މައްސަލަ ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ. އޭނާ ހުށަހަޅާފައިވަނީ، މޯލްޑިވް ގޭސްގެ މުވައްޒިފުންތަކަކަށް އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މި މައްސަލައާއި ގުޅިގެން އިކްރާމް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ ސަސްޕެންޑް ކުރުމަށް ބޯޑުން ނިންމުމުގައި ރިއާޔަތްކުރި ކަންތައްތައް ހޯދުމަށް މެންބަރުން ވަނީ އެދިފައެވެ.

މި ދެ މައްސަލަވެސް ކޮމިޓީއިން ބެލުމަށް ފާސްވީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މީގެ ތެރެއިން ސިންގަޕޫރަށް ކުރި ދަތުރާއި ގުޅޭ މައުލޫމާތު ހޯދުމަށް އެސްޓީއޯ އަށް ސިޓީއަކުން ކުރިންވެސް އަންގާފައިވާނެ ކަމަށް ކޮމިޓީގެ މުޤައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އެސްޓީއޯ އިން ބައެއް ލިޔެކިޔުންތައް ހިއްސާކުރި ނަމަވެސް، ހުރިހާ ލިޔެކިޔުމެއް ހިއްސާ ކޮށްފައިނުވާތީ، އަނެއްކާވެސް ސިޓީއެއް ފޮނުވުމަށް ވަނީ ނިންމާވަފައެވެ. އަދި، މި މައްސަލައިގެ ކަަމާބެހޭ އޮޑިޓެއް ނުވަތަ އިންވެސްޓިގޭޝަނެއް ކުރިތޯ ބަލައި، އޭގެ ރިޕޯޓްތައް ހޯދުމަށް އެދޭނެކަމަށްވެސް އިލްޔާސް ލަބީބް ވިދާޅުވިއެވެ.

މިހާރު ކޮމިޓީއަށް ލިބިފައިވަނީ އެއަރ ޓިކެޓަކާއި ރިސީޓެއް ކަމަށާއި، އެހެންކަމުން އިތުރު ތަފްސީލް އަދި ބޭނުންވާކަން ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިއެވެ. ކޮމިޓީއިން ވަނީ މި މައްސަލަ ތަހުގީގުކުރުމަށް ޑީއެމްޑީ އިކްރާމް އަދި ޕްރޮކިއުމެންޓް ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ.

މި މައްސަލަތަކުގެ އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ކުރާނެކަމަށް އިލްޔާސް ލަބީބް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.