އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޔަންކޮށްފައިވާ ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މުސާރަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ހަމަޖައްސައިފިއެވެ.
މި ބޭފުޅުންގެ މުސާރަ މާލިއްޔަތު ކޮމިޓީއިން މިއަދު ކަނޑައަޅާފައިވާއިރު، މުސާރަ ކަނޑައެޅުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯއްދަވާފައިވެއެވެ. އެގޮތުން، ފިނޭންސް މިނިސްޓްރީއިން ވަނީ ދެ އޮޕްޝަނެއް ކޮމިޓީއަށް ހުށަހަޅާފައެވެ.
އޭގެ ތެރެއިން އެއް އޮޕްޝަނަކީ، ޗީފް އޮމްބަޑްސްޕާސަނަށް 40،000ރ. މުސާރަ އަދި އޮމްބަޑްސްޕާސަން ކަމަށް އައްޔަންކޮށްފައިވާ ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ފަރާތަކަށް 35،000ރ ދިނުމަށެވެ. ދެން ހުށަހަޅާފައިވާ އޮޕްޝަނަކީ ޗީޕް އޮމްބަޑްސްޕާސަންއަށް 37،500ރ. އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ކަނޑައަޅާ ދެ ބޭފުޅުންގެ މުސާރައަށް 33،500ރ. ދިނުމަށެވެ.
މި ދެ އޮޕްޝަނުގެ ތެރެއިން މާލިއްޔަތު ކޮމިޓީ އިން ފާސްކުރީ ކުޑަ މުސާރަ ދިނުމަށެވެ.
ޗީފް އޮމްބަޑްޕަރސަންގެ މަގާމަށް ރައީސް އައްޔަނު ކުރައްވާފައިވަނީ ނ. މާފަރު އީޓުޖެހިގެ ޢަބްދުއްސަލާމް ޢާރިފްއެވެ. އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަނުކުރެއްވީ ގއ. ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ.