މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނަޡީމް -- ފޮޓޯ: ސަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނަޡީމް، (މއ.އެލީޒިއަމް / ކ.މާލެ) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.

އޭސީސީ އިން ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައިވަނީ “ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ޙައްޤު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ. އެގޮތުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާ ހޯދާދިންކަމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އޭސީސީއިން ވަނީ އެދިފައެވެ.

މި މައްސަލައިގައި އޭސީސީ އިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން ފުރަތަމަ ޕޮއިންޓް ދިންނަމަވެސް، މިނިސްޓްރީގެ އެންގުމުގެ މަތިން ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް މަޑުޖައްސާލައި، ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެނެސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މިނިސްޓްރީއިން އަލުން ޕޮއިންޓް ދީފައިވާއިރު، އިވެލުއޭޝަން މަރުޙަލާގެ ރިވިއު މަސައްކަތުގައި އިބްރާހީމް ނަޡީމް ބައިވެރިވިކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، ހައުސިންގ ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާންކުރީ، ހަދާފައިވާ އިވެލުއޭޝަންއާ ޚިލާފަށް، އިވެލުއޭޝަނުން އެންމެ މަތިން މާރކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ނޫންކަމަށްވެސް އޭސީސީއިން ވަނީ ބުނެފައެވެ. ދާއިމީ ލިސްޓް އިއުލާންކުރި މުވައްޒިފާއި ލިސްޓް ހަވާލުކުރީ ނަޡީމްއެވެ. އާންމުކޮށް ހައުސިންގ ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓްތައް އެޕްރޫވްކުރުމުގެ މަސައްކަތްވެސް ކުރަނީ ނަޠީމްއެވެ.

މިމައްސަލާގައި އޭސީސީއިން އިތުރަށް ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، ދިއްދޫ އަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިންގ ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް ނަޠީމް ވަނީ އެއްބަސްވެފައެވެ. އަދި، ޕޮއިންޓް ލިބުނު ތަރުތީބުން އެއީ ހައުސިންގ ޔުނިޓު ލިބެންޖެހޭ ފަރާތަކަށް ނުވިނަމަވެސް، އެ ފަރާތް ދާއިމީ ލިސްޓުގައި ނަޠީމް ވަނީ ހިމަނާފައެވެ.

ނަޠީމްގެ އިތުރުން މިނިސްޓްރީގެ ބައެއް އެހެން މުވައްޒިފުންނާއި މެދު ފިޔަވަޅު އެޅުމަށްވެސް އޭސީސީއިން ވަނީ މިނިސްޓްރީއަށް ލަފާދެއްވާފައެވެ. އެއީ، “ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓް ދޫކުރުމާގުޅޭ ލިޔުންތައް މިނިސްޓްރީއިން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، މިއީ އެ މިނިސްޓްރީގެ މުވައްޒަފުންގެ އިހުމާލުގެ ޢަމަލެއްކަމަށް ފާހަގަކުރެވޭތީއާއި، މިކަމުގެ ސަބަބުން ބައެއްގެ ހައްޤުތަކެއް ގެއްލިގެން ގޮސްފައިވާތީއެވެ. އެހެންނަމަވެސް، މި ފަރާތްތަކާއި މެދު ޖިނާއީ ދައުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.