މާލެ ސިޓީގައި މަގުހުރަސް އުޅުނު މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ޗާނދަނީ މަގުން އަސްރަފީ ބުކްޝޮޕާއި ހިސާބުން މަގު ހުރަސްކުރަން އުޅުނު 34 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލަކުންޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:51 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާ ލިބުނު މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ސައިކަލް ދުއްވަން އިނީ ލައިސެންސް އޮންނަ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.