ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ، އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވަނީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭ އިން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ، އަދި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ލަފާ ކުރެވޭތީ އެ ސިޓީގެ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އައްޑޫގައި އަލަށް އެޅު ފިޔަވަޅުތަކުގެ ތެރޭގައި ކެފޭ، ރެސްޓޯރަންޓްތައް ބަންދު ކުރުމާއި އާއްމު މައިދާންތަކާއި ޕާކްތައް ބަންދު ކޮށް، އައްޑޫ ސިޓީގެ ގާޑިޔާތަކުން ދެމުންގެންދާ ހުރިހާ ހިދުމަތެއް ހުއްޓާލުން ހިމެނެއެވެ.
ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދު ކުރި ނަމަވެސް، ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އައްޑޫ ސިޓީ ކައުންސިލުން ވަނީ، ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދިނުމުގައި ނަގުތު ފައިސާ ބޭނުން ނުކުރުމަށާއި، އެ ޙިދުމަތް ފޯރުކޮށްދޭ މުވައްޒަފުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމަށް އަންގާފައެވެ.
މީގެ އިތުރުން، ކޮވިޑާއި ގުޅިގެން ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ފިހާރަތަކަށް މީހުން ނުވެއްދުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އައްޑޫ ސިޓީ ކައުންސިލުން އެސިޓީގެ ވިޔަފާރިތަކަށް އިލްތިމާސް ކޮށްފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން އަލަށް އެޅި ފިޔަވަޅުތައް މިއަދު ހަވީރު ތަންފީޒް ކުރަން ފަށާފައިވާއިރު، އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތު އެޗްޕީއޭ އިން އުވާލަންދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަންދެން އެ ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
އައްޑޫ ސިޓީގެ ހިތަދޫ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ގަމުގައި ބޭއްވި ޓްރެއިނިންގ ޕްރޮގްރާމަކަށް ދިޔަ މޯލްޑިވިއަންގެ ދެ މުވައްޒަފުންނެވެ. އޭގެ ފަހުން މޯލްޑިވިއަންގެ އިތުރު ދެ މުވައްޒަފަކު ފޭދޫ އިން ޕޮޒިޓީވް ވެފައިވާއިރު، ހިތަދޫ އިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 18 އަށް އަރާފައެވެ.
މީގެ އިތުރުން ހުޅުމީދޫގެ އެމްޓީސީސީ ސައިޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު، ހުޅުދޫގެ ކޭސްތަކުގެ އަދަދު ވަނީ 25 އަށް އަރާފައެވެ.