ބ. އޭދަފުށީ މަގު ހެދުމުގެ ޕްރޮޖެކްޓްގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އޭދަފުށީ މަގު ހެދުމުގެ ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެމްޓީސީސީ އިން ކުރި ޓްވީޓެއްގައި ބުނީ، އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި، ރަނގަޅު ފެންވަރެއްގައި މަގުތައް ހެދުމަށް ފަށާފައިވާ ޕްރޮޖެކްޓްގައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މުޅީން ނިމިފައިވާ ކަމަށެވެ.
އަދި މިހާރު ކުރިއަށްދަނީ މަގުމަތީގެ ގަވާއިދުތަކާއި ގުޅޭ ނިޝާންތައް ހަރުކޮށް، މަގު ބައްތި ޖެހުމުގެ މަސައްކަތް ކަމަށާއި، އެމަސައްކަތުގެ 80 އިންސައްތަ މިހާރު ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
މި މަޝްރޫޢޫގެ ދަށުން އޭދަފުށީގެ 19 މަގެއްގައި ޖުމްލަ 22،942 އަކަމީޓަރުގެ މަގު ހަދާ ނިންމާފައިވާއިރު، ފެން ހިންދާ ނިޒާމާއި ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް އެކުންފުންޏާއި ހަވާލުކޮށްފައިވެއެވެ.
2019 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށި މިމަޝްރޫޢޫ އަށް 34.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީ އިން ކުރިން ބުނެފައިވެއެވެ.