އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.
ރައީސް ޞާލިހް މި ނިންމެވުން ނިންމިކަން ދެންމެ ވަނީ ޓްވިޓަރ މެދުވެރިކޮށް ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައެވެ.
އެގޮތުން ރައީސްގެ ޓްވީޓުގައި ވަނީ، 1 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުސޫލުން ސިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް އެމަނިކުފާނު މިއަދު ނިންމެވިކަމަށެވެ.
ރައީސްގެ މި ނިންމެވުމާއެކު، ކުޅުދުއްފުށީވެގެން ދާނީ ރާއްޖޭގެ ސިޓީއެއްގެ ދަރަޖަ ދެވުނު ހަތަރު ވަނަ ރަށަށެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ބުނެފައި އޮންނަނީ އެ ޤާނޫނުގެ ޖަދުވަލް ދޭއްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ރަށެއް ނުވަތަ ސަރަހައްދަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމަށް ނުވަތަ ސަރަހައްދެއް ކަމަށް ކަނޑައަޅައި އެފަދަ ރަށެއް ނުވަތަ ސަރަހައްދެއް ހިންގުމަށް ސިޓީ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ވާނެ ކަމަށެވެ.
ސިޓީއެއްގެ ދަރަޖަށް ކުޅުދުއްފުއްޓަށް ލިބުނީ، އެރަށުގެ އާބާދީ 10000 އަށް ވުރެ މައްޗަށް ދިއުމުންނެވެ. މި ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީގައި ވަނީ 10189 މީހުން ރަޖިސްޓްރީ ވެފައެވެ.